ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒާމިލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު ބޭރުކޮށްލައިފި އެވެ.
ޒާމިލްގެ މައްސަލަ ރައީސް ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވީ އެމަނިކުވާނަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ޒާމިލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން މަޖިލީހަށް ސިޓީއެއް ފޮނުވުމުންނެވެ.
އެ މައްސަލަ ބޭރުކޮށްލަން މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި ކޮމިޓީގެ އެހެން ހުރިހާ މެމްބަރުން ވަނީ ނާޒިމްގެ ހުށަހެޅުމާ އެއްގޮތަށް އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވާފަ އެވެ.
މެމްބަރު އަހްމަދު ރަޝީދު ފިޔަވައި ދެން ތިއްބެވި މެމްބަރުން ވިދާޅުވީ އެ މައްސަލަ އަކީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައަކަށް ވާއިރު، އެ މައްސަލައިގެ ތެރެއަށް އިމްތިޔާޒު ކޮމިޓީން ވަނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ އަކީ އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭފަދަ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ކާނަލް ނާޒިމާއި އަހްމަދު ރަޝީދުގެ އިތުރުން އިމްތިޔާޒު ކޮމިޓީގައި ހިމެނިވަޑައިގަނަވާ މެމްބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އާއި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާއި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.