ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ ގަދަޔަށް އެމްޑީޕީން ވިއްކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އަޑު ގަދަވި 12 މެންބަރުންގެ ފޮޓޯ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ލަތީފު އެ ވިދާޅުވާ 12 މެމްބަރުންނަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވި މެންބަރުންނެވެ. ގަރާރުގައިވާ ސޮއި ނުނެގުމުން އެ މެންބަރުންގެ ގޮނޑި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެން ވަނީ ގެއްލުވާލައިފަ އެވެ.

އެއަށްފަހު 12 މެމްބަރުންގެ ގޮޑިއާމެދު ސުޕްރީމް ކޯޓުން ގިނަ ނިންމުންތަކެއް ނިންމި އެވެ. އެެންމެފަހުން 12 މެންބަރުންގެ މައްސަލާގައި ވަކިވަކިން ސުޕްރީމް ކޯޓުން ނިންމީ ގޮނޑި ނުގެއްލޭ ކަމަށެވެ. އެ ހުކުމާއެކު އެ މެމްބަރުން މަސައްކަތް ކުރައްވަން ފެށީ އިދިކޮޅު ކޯލިޝަނާ ގުޅިގެންނެވެ.

މިދޔަ މަހު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއައިރީއެއް ފަށައިފަ އެވެ.

ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމަށް ރައީސް ނަޝީދުގެ ވަފާތެރި މެންބަަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

އަދި އެ މެންބަރުން މަގާމުތަކަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ފޮޓޯ ޖައްސަވައިގެން ކެމްޕެއިން ކުރައްވައިގެން ކަމަށް ބުނެ ދަނީ ފާޑު ވިދާޅުވަމުންނެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް ވިދާޅުވީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވެރިކަމަށް އައީ ވެސް 12 މެންބަރުންގެ ފޮޓޯ ވިއްކައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު ޖަލުން މިނިވަން ކުރީވެސް 12 މެންބަރުންގެ މަސައްކަތުން ކަމަށެވެ.

އޭނާ ވިދާޅުވީ 12 މެމްބަރުންނަށް ދާއިރާގެ ގޮޑިި ދޭނެ ކަމަށް ނަޝީދު ވައުދުވި ކަމަށެވެ. ނަމަވެސް އެ ވައުދު ނަޝީދު ނުފުއްދާ ކަމަށް ލަތީފު ވިދާޅުވި އެވެ.

"އެ ބާރަ މެންބަރުންނަށް ދާއިރާގެ މަޖިލީސް ގޮނޑި ދޭނެ ކަމަށް ނަޝީދު ވައުދުވެފައި ފަހުން ކަންތައްތައް ކުރި ގޮތްވެސް މިވަގުތު ހަނދާންކޮށްލުން ރަނގަޅު،" ލަތީފް ވިދާޅުވި އެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެން 12 މެންބަރުންނާ އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވާ އެ މެންބަރުންނަށް އޭރު ތަމްސީލު ކުރެއްވި ގޮނޑިތައް ހޯއްދަވައި ދެއްވަން ކޯލިޝަނުން އެކުގައި މަސައްކަތް ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން ވެސް އަދި އެމްޑީޕީން ވެސް ފަހުން އެ މެންބަރުންނަށް އެއްވެސް ފުރުސަތެއް ތަނަވަސްކޮށްދީފައެއް ނުވެ އެވެ. އަދި އެ މެންބަރުން ނިކުންނެވި ދާއިރާތަކަށް އެމްޑީޕީން ކެންޑިޑޭޓުން ވެސް ނެރެފައިވެ އެވެ.