ގުޅިފަޅު މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު ކުރަންޖެހޭ ކޮންމެކަމެއް ކުރައްވާނެ ކަމަށާއި އެކަން ހައްލު ނުވެއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖާއާކުރުމަށް ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރުމަށް ނިންމާފައވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި ގުޅިފަޅު މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ސަރުކާރުގައި ތަކުރާރުކޮށް މި ޕްލޭން ބަދަލުކުރުމަށް ދަންނަވަމުން ގެންދަވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ނަމަވެސް ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ގުޅިފަޅުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެނެސް މީޑިއާގައި މިހާރު އިއުލާނުކޮށްފައިވާ ކަންކަމާ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ގުޅިފަޅު މައްސަލާގައި އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ އެކަމުގައި ކަންކުރާނެ ގޮތެއް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މި މައްސަލާގައި މާލެ ރައްޔިތުންގެ ހައްގުގައި ކޯޓަށް ދިއުމަށް ކަމަށެވެ.

އޭގެ އިތުރަށް މާލޭގެ އިހުތިސާސް ކަނޑައަޅާފައިވާ ގޮތާމެދު ކައުންސިލުގެ ކަންބޮޑުވުން އޮތްކަން މިއަދު ޑރ. މުއިއްޒު ހާމަކުރައްވާފައިވެ އެވެ. އެގޮތުން ކޮންމެ ރަށެއްގެ އިހުތިސާސަކީ ރަށުގެ އުރަފަތުން ފަށައިގެން 700 މީޓަރު ކަމުގައި ގާނޫނުގައި ބުނެފައިވާއިރު، އަދި ވިލިމާލެ ނިމޭ ހިސާބުން ފެށިގެން 700 މީޓަރުގެ ތެރޭގައި ގުޅިފަޅުގެ ބައެއް ހިމެނޭއިރު ގުޅިފަޅު މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައި ނުވާތީ އެކަން ފާހަގަކުރައްވައި، އިހުތިސާސް ރަނގަޅުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.