ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަ ފޫޓުގެ ބިމެއް އެއާޕޯޓަށް ނަގާތީ އެރަށުގެ ކައުންސިލާއި ކުލަބް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އެފަރާތްތަކުން ބުނެފައި ވަނީ 1990 ވަނަ އަހަރުން ފެށިގެން ވެސް، އާންމުން ދިރިއުޅޭ ބިމާއި އެއާޕޯޓުގެ ބިން އޮންނަނީ ފެންސް ޖަހާ ވަކި ކޮށްފައި ކަމަށާއި، އެހެންކަމުން އެއާޕޯޓް ތަރައްގީކުރުމަށް ރަށުގެ މީހުން ދިރިއުޅޭ ބިމުން އެހާ ބޮޑު ސަރަހައްދެއް ނެގުމަކީ ރަށުގެ އެންމެހާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީހުން ދިރިއުޅޭ ސަރަހައްދު ބިމެއް ނުނެގި ނަމަވެސް އެއާޕޯޓް ސަރުކާރުން ތަރައްގީ ކުރުމަށް ބޭނުންވާ ގޮތަށް މިހާރުވެސް އެއާޕޯޓަށް ކަނޑައަޅާފައިވާ ބިމުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން ހަނިމާދޫ ފަޅަކީ ބޮޑު ފަޅެއް ކަމަށްވުމާއެކު ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އެ ބޮޑު ފަޅުގެ ބޭނުން ހިފޭނެ މަގު ފަހިވެފައި އޮތުމާއެކު، ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން ބައެއް އެއާޕޯޓު ތަރައްގީކުރުމަށް އިތުރުކުރުމަކީ ހަނިމާދޫ ކުދިބޮޑު އެންމެން ހިތާމަ ކުރާ ކަމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން އެއާޕޯޓަށް ނަގާ ސަރަހައްދުގެ ގޮނޑު ދޮށަކީ މިހާރުވެސް ރަށުގެ ރައްޔިރުން ހިންހަމަ ޖައްސާލަން ނުކުމެ، މަޖާ ކޮށްލަން އޮތް ހަމައެކަނި ބިން ކަމަށާއި، އެބިން އެއާޕޯޓަށް ނެގުން ވެގެން ދާނީ ނުހަނު ހިތާމާވެރި ކަމަކަށް ކަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެއާޕޯޓަށް މިބިން ނެގުމުގެ ސަބަބުން ބޯހިޔާވަހި ކަމުގެ އުންމީދުގައި ތިބި، 300 އެއްހާ އާއިލާއަށް ވަރަށް އުނދަގުލާ ދިމާވާނެ ކަމަށެވެ. އަދި ރަށަށް އެންމެ ފައިދާ ހުރި ގޮތަކީ ރަނގަޅު ޕްލޭނަކާއި އެކު ރަށަށް އެންމެ ފައިދާހުރި ގޮތަށް އެކަންތައް ކުރުން ކަމުގައި ވެސް ބުނެފައިވެ އެވެ.

އެހެންކަމުން، މިހާރު ވެސް އެއާޕޯޓަށް ނަގާފައިވާ ބިމުގައި، ރައީސުލް ޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް އެއާޕޯޓް ތަރައްގީ ކުރުން ވެގެންދާނީ ރަށަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި، އެހެންކަމުން، ޕްލޭނިން މިނިސްޓްރީގައި ހަނިމާދޫ އެއާޕޯޓަށް ނަގަން އެދިފައިވާ ބިން ބާތިލްކޮށް، އެއާޕޯޓަށް ކަނޑައަޅާފައިވާ ބިމުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ވަނީ އެދިފަ އެވެ.

ހަނިމާދޫގައި ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށް، އެއީ ހަނިމާދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަބަދުވެސް ކުރަމުންއަންނަ ފޮނި އުންމީދެއް ކަމަށް ބުނެފައެވެ. އަދި އެ އެއާޕޯޓް ތަރައްގީވެގެން ދިޔުމަކީ ހަނިމާދޫއަށާއި، ތިލަދުންމައްޗަށާއި، މުޅި އުތުރު ހިމެނޭހެން މުޅިރާއްޖެއަށް ވެސް އެކަމުގެ ލާބައާއި މަންފާ ކުރުވާނެ މަޝްރޫޢުއެއް ކަމަށްވުމާއެކު، އެ މަޝްރޫޢު ހިންގުމަށް ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުންމަތީ ތިބިކަމަށް އެ ސިޓީގައި ބުނެފަވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ބީލަން މަރުހަލާ އިންޑިޔާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ބުނެފަ އެވެ.

ހަނިމާދޫގެ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އުތުރުގައި އިޤުތިޞާދީ ހަބެއް ޤާއިމުކުރެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.