އައްޑޫގައި ހުންނަ އައްޑޫ ފްލައިން ސްކޫލް ނުވަތަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ 15 ދަރިވަރަކު ބީއެމްއެލް އިން ނަގައިފައިވާ ލޯނުތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލުއިތަކެއް ހޯދައިދީފި އެވެ.

ހަޔާ އެޑިއުކޭޝަނުން 15 ދަރިވަރެއްގެ ލޯނަށް ލުއިގޮތެއް ހޯދައިދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގޮތަށް އެދިވަޑައިގަތުމުންނެވެ. ރައީސް ސޯލިހު އެދިވަޑައިގަތީއެ ސުކޫލުން ކިޔަވާ ދަރިވަރުން ދައްކަން ޖެހޭ ފައިސާ ބެންކަށް ދެއްކުމަށް ފަހު ލޯނުތައް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ދިނުމަށެވެ.

އެހެންކަމުން މިހާރު ދަރިވަރުން އެ ލޯނުތަކުގެ ފައިސާ ދައްކަން ޖެހޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.

އެ ފައިސާ ދަރިވަރުން މިނިސްޓްރީއަށް ދައްކާއިރު އެއްވެސް އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ އެވެ. ރައީސްގެ އެ ނިންމެވުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ 96 ދަރިވަރުންގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު ކޯސް ނިންމޭ ތާރީހުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ބަދަލު ކޮށްފަ އެވެ.