ޔުނިވާސިޓީއަކުން ގްރެޖުއޭޓްވުމަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނަ ވަރަށް ހާއްސަ މުނާސަބަތެކެވެ. އެ މުނާސަބަތަކަށްޓަކައި ގިނަ ހުވަފެންތަކެއް ދެކޭ މުނާސަބަތެކެވެ.

ޕެޓް މޫރޭއަށް އޭނާގެ ގްރެޖުއޭޝަން ހާއްސަވީ ހަމައެކަނި ދިރިއުޅުމުގެ މުހިއްމު މަރުހަލާއެއް ފުރިހަމަ ކުރެވުނީތީ އެކަންޏެއް ނޫނެވެ. އުމުރުން 93 އަހަރުގައި ވެސް ޒުވާން ދައުރުގައި ނުނިމި އޮތް ތައުލީމުގެ ސަފްހާ ނިންމާލެވުނީތީ އޭނާއަށް މި މުނާސަބަތު ވަކިން ބޮޑަށް ހާއްސަވި އެވެ.

މޫރޭ ގްރެޖުއޭޓް ވާން އަސްލު ޖެހެނީ 1945 ވަނަ އަހަރު އެވެ. ނަމަވެސް މާއްދާއަކުން ރަނގަޅު ނަތީޖާއެއް ނުލިބި ޖެހިގެން އައި އަހަރު އެމާއްދާ ކިޔަވައި ނުނިމެނީސް އެމެރިކާގެ އަސްކަރިއްޔާގެ އެއާ ފޯސްއާ ގުޅެން އޭނާއަށް ޖެހުނެވެ.

އޭގެ ތިއް އަހަރު ފަހުން ޓަކްސަސް އަށް އޭނާ އެނބުރި އައީ އެއާ ފޯސްގެ ޕައިލެޓެއްގެ ގޮތުގަ އެވެ. ބުރަ ވަޒީފާއަކާއި އާއިލާއެއް ބިނާ ކުރުމުގެ ތެރޭގައި މޫރޭގެ ތައުލީމަށް އޮތީ އޭނާއަށް ވަގުތު ނުދެވި އަޅާ ވެސް ނުލެވިފަ އެވެ.

https://www.youtube.com/watch?v=lirXHt8C33Y

އޭގެ ގާތްގަނޑަކަށް 70 އަހަރު ފަހުން އޭނާގެ ތައުލީމް ފުރިހަމަ ކުރުމަށް ހިތްވަރު ލިބުނީ ކިހިނެއްތޯ ސުވާލު ކުރުމުން މޫރޭ އިޝާރާތްކުރީ އޭނާގެ މުނިކާފަ ދަރިފުޅު ބްރީސާ އަށެވެ. ބްރީސާއަކީ މިއަހަރު އެލްވިން ހައި ސްކޫލުން ގްރެޖުއޭޓްވި ދަރިވަރެކެވެ. އެސްކޫލަކީ މީގެ އަހަރުތަކެއް ކުރިން މޫރޭ ވެސް ކިޔެވި ސްކޫލެވެ.

ޕެޓް މޫރޭ އޭނާގެ ޑިޕްލޮމާ ހިފައިގެން

ކިޔެވުން މެދުކެނޑުނުތާ 70 އަހަރު ފަހުން ޑިޕްލޮމާ ފުރިހަމަ ކުރި މޫރޭއަށް އޭނާގެ ޑިޕްލޮމާ ހަވާލު ކުރުން އޮތީ މިއަހަރު ކުރީކޮޅު ބޭއްވި ކުޑަ ހަފްލާއެއްގެ އެވެ.

އުމުރަކީ ހަމައެކަނި ނަމްބަރެއްކަން މޫރޭ ފަދަ މީހުންގެ ހަޔާތުން ސާބިތުވެ އެވެ. އުމުރުން ކިތަންމެ ދޮށިވި ކަމުގައި ވިޔަސް ހުވަފެންތަކުގައި ކުލަ ޖައްސަން ލަސްނުވާ ކަން މޫރޭ ވަނީ ދައްކައިދީފަ އެވެ.