މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހިގާގޮތް ބެލުމަށްޓަކައި ''މެއި ހައެއް'' ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފައްދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހްގެ ތާއީދާ އެކު އެވެ. މީގެއިތުރުން އެކަމާ ގުޅިގެން ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް 10 މެމްބަރުންގެ ސޮޔާއެކު އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

ކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހުރިއްރާ ކަނޑައަޅުއްވާ މެމްބަރަކާއި، ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރަކާއި، އެމްޑީޕީގެ ޗެއާސަން ހަސަން ލަތީފާއި، މުހައްމަދު ޝިހާބު އަދި އަހްމަދު މަޢުސޫމާއެކު 5 މެމްބަރުންގެ މައްޗަށެވެ.

ގަރާރުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، މެއި ހަ ވަނަ ދުވަހުގެ ހާދިސާގެ ތަހުގީގު ހިނގާ ގޮތް ގާތުން ބެލުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، ކުރިން ހިނގާދިޔަ ނުރައްކާތެރި ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް މިއަދާ ހަަމައަށްވެސް ނޭގި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ދައުލަތުގެ އެއް ވެރިޔާއަށް އަމާޒުކޮށް، ދިން މިހަމަލާގެ ހަގީގަތް ނުހޯދިއްޖެ ނަމަ އެމްޑީޕީ ދައުލަތެއްގެ ގޮތުގައި ދެކޭ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އެބައޮތްކަން ހާމަކުރުމެވެ.

ހަމަލާއަށް ފަންޑު ކުރީ ކޮންބައެއްކަން ތަހުގީގަށް މިހާތަނަށް ހޯދިފައިނުވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި، ހަމަލާގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނާތީ ކަންބޮޑުވާ ކަމަށްވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.