ފުލުހުންގެ އޮފިސަރުން ސީންތަކަށާއި މަގުމަތީ ޕެޓްރޯލް ކުރަން އުޅޭއިރު ބޭނުން ކުރާ ބޮޑީ ކެމެރާ ނުވަތަ "ބޮޑީ ވޯން ކެމެރާ" ބޭނުން ކުރަން މިއަހަރު ފެށޭތޯ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެގެންތޯ އިމްރާން ކައިިިރިން އައްސަވައި އެ ސުވާލުގެ ޖަވާބު ލިޔުމުން ދެއްވުމަށް އެދިފަ އެވެ.
އެ ސުވާލިގެ ޖަވާބުގައި ދެއްވި ލިޔުމުގައި އިމްރާން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގައި ބޮޑީ ކެމް ބޭނުންކުރަން ފަށަން ޕޮލިސީ ލެވެލްގައި ކުރިން ވެސް އޮތީ ނިންމާފައި ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެކަމަށް ކުރަން ޖެހޭ ހަރަދު މިދިޔަ އަހަރުގެ ބަޖެޓުން ނުކުރެވުނު ކަމަށެވެ. އިމްރާން އެގޮތަށް ވިދާޅުވިޔަސް ބޮޑީ ކެމެރާ ހޯދަން މިއަހަރު ބަޖެޓުގައި އޮތީ ހިމަނާފަ އެވެ.
އިމްރާން ވިދާޅުވީ، ޕްލޭން ކުރެވިފައިވާ ގޮތަށް ކެމެރާތައް ހޯދުމުގައި ދަތިތަކެއް ކުރިމަތި ވިޔަސް އެތަކެތި ހޯދައި މިއަހަރުގެ ތެރޭގައި ކެމެރާތައް ބޭނުންކުރަން ފެށުމަކީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާގެ އަމާޒެއް ކަަމަށެވެ.
ޓެސްޓް ރައުންޑެއް ގޮތުގައި މިދިޔަ އަހަރު ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އެ ޓެކްނޮލޮޖީ ޓެސްޓްކޮށް ނަތީޖާއަށް ބެލުމަށްފަހު އެ ކެމެރާ ބޭނުން ކުރުން ފުޅާކުރާނެ ކަމަށެވެ