އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދުކުރީ ވަކި ބަޔަކަށް އިންސާފު ހޯދައިދީ ބަދަލު ނަގައި ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.

އޮމްބުޑްސްޕާސަންސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލާމް ވިދާޅުވީ، އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދަށް އައިސްފައި ވަނީ ވަކި ވެރިކަމެއްގެ ކަންކަން ބަލަން ނޫން ކަމަށެވެ. ބައެއް ފަރާތްތަކުން އެގޮތަށް ތުހުމަތުތައް ކުރި ނަމަވެސް އެގޮތަށް ނުދެކުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ވަރަށް ގިނަ ވެރިކަންތަކެއް އައިސްފައިވާ ކަމަށާއި އެ ހުރިހާ ވެރިކަމެއްގައި ހިންގާފައިވާ އެފަދަ އަމަލުތަކުގެ މައްސަލަތައް ބަލާނެ ކަމަށާއި ވަކި ބަޔެއްގެ ކިބައިން ބަދަލު ހިފަން ނޫޅޭނެ ކަމަށެވެ.

"މިއީ ބަދަލު ހިފުމުގެ ގޮތުން ހުށަހެޅިފައިވާ ގާނޫނެއްގެ ގޮތުގައި ނުދެކުން. ގާނޫނުގައި ވެސް އެގޮތަށް އަދަބުތަކެއް ކަނޑައަޅާފައެއް ނުވޭ. މިއީ ކަންކަމުގެ ހަގީގަތް ހޯދަން އެކުލަވާލައިފައިވާ ގާނޫނެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ވިންޑޯ އަކީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަން ކަމަށް ހުރަސް އެޅިފައިވާ ފަރާތްތަކަށް ލިބިދޭ އޮޕޮޗުނިޓީއެއް،" ސަލާމް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި މައްސަލަތައް ބަލަން މަސައްކަތް ކުރާނެ ކަމަށާއި ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓަކީ 16 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ކަމަށް ސަލާމް ވިދާޅުވި އެވެ.

އެ އޮފީހަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ނިޔަލަށް މައްސަލަ ހުށަހަޅަން ހުޅުވައިލާނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު 17، 2020 ގައެވެ. އެ އޮފީހަށް ވެރިން އައްޔަން ކުރީ މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. ޗީފް އޮމްބަޑްސްޕާސަން ކަމަށް ސަލާމް އައްޔަރު ކުރި އިރު އޭނާގެ ދަށުން އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖައްސާފައި ވަނީ، ޖިހާދާ އަނީސް އާއި މަރްޔަމް ލައިޒާ އެވެ. އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.