މާލޭ އޭރިއާގައި ދިރިއުޅޭ މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފަރުކޮޅުފުށި ކަނޑައެޅިޔަސް ފަރުކޮޅުފުއްޓަކީ މިހާރު އޮންނަ ތަނެއް ނޫން ކަމަށާއި އެއީ ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއް ކަމަށް ވިިދާޅުވެ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދޔަ ހޯމަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވެފައި ވަނީ، މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް ފަރުކޮޅުފުށި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އެއީ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ އަދި ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ.

މޭޔަރުގެ އެ ނިންމުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައި ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ސަރުކާރުގެ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް ސިޓީ ކައުންސިލުން ގެނެސްފައިނުވާ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިިލް "މިހާރު"އަށް ވިދާޅުވެފައި ވަނީ، ސިޓީ ކައުންސިލުން ފަރުކޮޅުފުށިއަކީ ޕިކްނިކް އައިލެންޑުގެ ގޮތުގައި ހަމަޖެއްސިކަން އެގުނީ މީޑިއާއިން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ފަރުކޮޅުފުށި އޭ ކިޔާތަނެއް މިހާރު ނޯންނާނެ ކަމަށާއި، ފަރުކޮޅުފުއްޓަކީ ހުޅުމާލޭ ފޭސް ދޭއްގެ ބައެއް ކަމަށެވެ.

"ފަރުކޮޅުފުށި ކިޔާ ތަނެއް އަޅުގަނޑަށް ހީވަނީ މިހާރު ނެތްހެން. އެއީ ފަރުކޮޅުފުށި ކިޔާ ސަރަހައްދެއް ނޫން،" ސުހެއިލް ވިދާޅުވެފައިވެ އެވެ.

ފަރުކޮޅުފުށި މިހާރު ބޭނުން ކުރަމުންދަނީ ކޮވިޑް-19 ބަލި ޖެހޭ މީހުންނަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.