ކޮވިޑް ބަލީގައި މަރުވި މީހުންގެ 20 ޕަސެންޓް މީހުންނަކީ އެއްވެސް ބައްޔެގެ ފަރުވާ ނުހޯދާ މީހުން ކަމަށް އެޗްއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލުމާތު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ މަހު ކަމަށެވެ. އެގޮތުން މިބަލީގައި މަރުވެފައިވާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބަޔަކަށް ފަރުވާ ނުހޯދާ މީހުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަމުން ދޭހަ ގޮތްދެނީ ކޮވިޑް-19 ގެ ނުރައްކާ ޒުވާނުންނަށް ވެސް އޮންނަކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ 60 އަހަރުން މަތީގެ މީހުން ކަމަށް ވެސް ޑރ ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކޮވިޑް ބަލީގައި މަރުވި ގިނަ މީހުނަކީ ދިގު މުއްދަތަކަށް ބަޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހުން ކަމަށާއި އެގޮތުން 80 ޕަސެންޓް މީހުންނަކީ އެއް ބަޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހުން ކަމަށެވެ. އަދި 60 ޕަސެންޓް މީހުންނަކީ ދެ ބަޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހުން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްބަލި ޖެހިގެން މަރުވި މީހުންގެ ތެރޭގައި އާންމު ގޮތެއްގައި ފަސް ބައްޔެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ހަކުރު ބަލި، ލޭ މައްޗަށް ދިޔުމާއި ހިތުގެ ބަލި އަދި ކިޑްނީ ބައްޔާއި ފުއްޕާ މޭގެ ބަލި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 146 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އައިސީޔޫގައި މި ވަގުތު 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރީ ކޮވިޝީލްޑް ވެކްސިނުގެ 50 ޑޯޒްކަމަށާއި ފައިޒާ ވެކްސިނުގެ 1026 ޑޯޒް ކަމަށާއި ސިނޮފާމް ވެކްސިނުގެ 66،000 ޑޯޒް ކަމަށެވެ.