އޭނާ ހުއްޓިލައިގެން އެހުރި މެދު ޒިޔާރަތާއި އަތުގައި އޮތް މޮޑެލްއާ މާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ. އަދި ޝަހީދުންގެ ބިނާއާއި ހުކުރު މިސްކިތުގެ މުންނާރާއި ސުނާމީ ބިނާ އަދި އިސްލާމީ މަރުކަޒު ފަދަ ރާއްޖޭގެ ފާހަގަކޮށްލެވޭ ބިނާތަކުގެ މޮޑެލްތައް އޭގެ އަސްލާ އެއްގޮތަށް އޭނާ ވަނީ ހަދައިފަ އެވެ. މިއީ އޭނާގެ އަތްތެރި މަސައްކަތްތެރިކަމުގެ ކުޅަދާނަކަން ފެނިގެން ދިޔަ މޮޑެލްތަކެވެ.

އޭނާގެ ދެ އަތުން ތައްޔާރުކޮށްފައިވާ މާލޭގެ އެ މުހިންމު ބިނާތަކުގެ މޮޑެލްގެ މަސައްކަތް ކިތަންމެހާ ވެސް ފުރިހަމަ އެވެ. މީހަކު ބާލައި ފޫހިނުވާހާ ރީއްޗެވެ. ގޭގެ ސިޓިން ރޫމުގައި ބަހައްޓާލަން ވަރަށް ހިތްގައިމެވެ.

މިއީ ރ. ހުޅުދުއްފާރަށް އުފަން އަބްދުﷲ ޝާފިއުގެ ހުނަރުވެރިކަމެވެ. އޭނާއަކީ ކާކުކަން ގިނަ ބަޔަކަށް ނޭނގުނަސް ޝާފިއުގެ މަސައްކަތްތަކަކީ މިހާރު ބަޔަކު ދެކެ ފަރިތަ މަސައްކަތްތަކެކެވެ. އެދި އެހާމެ ގިނަ ބައެއްގެ ސަމާލުކަން ވެސް އެ މޮޑެލްތަކަށް ދަނީ ލިބެމުންނެވެ.

ޝާފިއު ހަދާފައިވާ ހުކުރު މިސްކިތު މުންނާރުގެ މޮޑެލް

ސޯޝަލް މީޑިއާގައި "ގާފޮޅު"ގެ ނަމުގައި ހިންގާ ޕޭޖަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ޕޭޖެކެވެ. އެ ޕޭޖުގައި ހުރި ރާއްޖޭގެ ސަގާފަތާ ގުޅޭ އެކި ބިނާތަކުގެ ކުދި މޮޑެލްތަކަކީ ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔަ މޮޑެލްތަކެކެވެ. އެ ފަންނުވެރި މަސައްކަތްތަކުގެ ފަހަތުގައިވާ ހުނަރުވެރި ޒުވާނަކީ ޝާފިއު އެވެ.

ގާފޮޅުގެ މޮޑެލްތަކަކީ ދިވެހި ސަގާފަތާއި ތާރީޚުން ފާހަގަކޮށްލެވޭ ބިނާތައް އަސްލަކަށް ބަލައިގެން ހަދާފައިވާ މޮޑެލް ތަކެކެވެ. ސަންބޯޑާއި ޑަންލޮޕް ބޭނުންކޮށްގެން ހަދާ އެ މަސައްކަތްތަކީ ގިނަ ވަގުތު ހޭދަވާ ކަވި މަސައްކަތެކެވެ. ނަމަވެސް ޝާފިއު އެކަން ކުރަނީ ކުރާ ހިތުންނެވެ.

https://www.facebook.com/102789921549910/posts/265484718613762/

"އެންމެ ކުރީއްސުރެވެސް މޮޑެލްތައް ހަދާ އުޅެން. އޭރު ހެދީ އަމިއްލަ ވިސްނުމަށް،" މޮޑެލް ހެދުމުގެ މަސައްކަތް ފެށުނު ގޮތާ ބެހޭގޮތުން ޝާފިއު ބުންޏެވެ.

އޭނާ ބުނީ އާދައިގެ ގޮތަކަށް ކޮށްއުޅުނު ތްރީޑީ ކުރެހުމުގެ މަސައްކަތް ބަދަލުކޮށް، ރާއްޖޭގެ މަޝްހޫރު ބިނާތަކުގެ ތްރީޑީ މޮޑެލްތައް ހަދަން ޚިޔާލު ދިނީ އޭނާގެ އަންހެނުން ކަމަށެވެ. އަންހެނުންގެ އެ ޚިޔާލަށް ޝާފިއު އެންމެ ފުރަތަމަ ތައްޔާރުކުރި މެދު ޒިޔާރަތުގެ މޮޑެލްއާއެކު އިސާހިތަކު އޭނާގެ މަސައްކަތް ދިވެހިންނަށް ކަމުގޮސް ވައިގައި ހިފި އެވެ.

ޝާފިއު އޭނާ ހަދާފައިވާ ގަޑި ބުރުގެ މޮޑެލް އާއެކު

ޓެކްނޮލޮޖީގެ ވަސީލަތްތައް ނެތް ޒަމާނެއްގައި ދިވެހިންގެ ބިނާތަކުގައި ބޭނުންކޮށްފައިވާ ހުނަރުވެރިކަން އެއީ މިސާލެކެވެ. އެއްވެސް މެޝިނަރީއަކާ ނުލާ ދިވެހން އެ ބިނާތަކުގައި ކޮށްފައިވާ އަކުރު ކެނޑުމާއި ލިޔެލާ ޖެހުމުގެ މަސައްކަތަކީ އެފަދައެއް ނެތް ހުނަރުވެރި ކަމެކެވެ.

އިހު ދިވެހިންގެ އެ ހުނަރުވެރިކަމާއި ކުޅަދާނަކަން ދައްކައިދިނުމަކީ ޝާފިއު މި މަސައްކަތް ފަށައިގަތުމުގެ މައިގަނޑު އެއް މަގްސަދެވެ. ދިވެހިންގެ ފަޚްރު ކަމުގައި ހިމެނޭ ދިވެހިންގެ ސަގާފަތުގެ އުމްރާނީ ރަމްޒުތައް އެންމެންނަށް ފެންނާނެހެން އަދި ފާހަގަ ވާނެހެން އާއްމު ކުރަން ޝާފިއު ބޭނުންވީ އެވެ.

މިހާތަނަށް މެދު ޒިޔާރަތާއި ޝަހީދުންގެ ބިނާއާއި މުންނާރާއި ސުނާމީ ބިނާ އަދި އިސްލާމީ މަރުކަޒު ފަދަ ރާއްޖޭގެ ފާހަގަކޮށްލެވޭ ބިނާތަކުގެ މޮޑެލްތައް ޝާފިއު ހަދާފައިވާ އިރު މިއިން ކޮންމެ މޮޑަލް އެއްވެސް ފުރަތަމަ ފަހަރު ހެދުމަށް މަހެއްހާ ދުވަސް ހޭދަވާ ކަމަށް އޭނާ ބުނެ އެވެ.

ޝާފިއު ހަދާފައިވާ ޝަހީދުންގެ ބިނާގެ މޮޑެލް އެމްއެންޑީއެފް އާ ހަވާލު ކުރަނީ

ޝަހީދުންގެ ބިނާގެ މޮޑެލް އަކީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ހަދިޔާ ކުރަން ހެދި މޮޑެލް އެއް ކަމަށް ޝާފިއު ބުންޏެވެ. އަދި އެހެން މޮޑެލްތަކަކީ އަމިއްލައަށް ފެނިގެން ހަދާފައިވާ މޮޑަލްތަކަކަށް ވީއިރު އޭގެ ތެރެއިން ވެސް އިސްލާމީ މަރުކަޒުގެ މޮޑެލްގެ މަސައްކަތް ޝާފިއު ފާހަގަ ކުރި އެވެ. އެންމެ ގިނަ ބަޔަކަށް ކަމުދިޔަ މޮޑެލްއަށް ވީތީއާއި އެ މޮޑެލް އަށް ކުރެވުނު މަސައްކަތާމެދު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.

ޝާފިއު ހަދާފައިވާ އިސްލާމީ މަރުކަޒުގެ މޮޑެލް

ޝަރީއާ އެންޑް ލޯ އިން މާސްޓާސް ހަދަމުން ދާ ޝާފިއު މޮޑެލްތައް ހެދުމުގެ މަސައްކަތްތައް ކުރަނީ ހޮބީއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. އަމިއްލަ ހިތްހަމަ ޖެހުމަށް ކުރަން ފެށި އެ މަސައްކަތް އާއްމުންނަށް ފެނި ބިނާތަކުގެ މޮޑެލްތައް ހެދުމަށް އޯޑަރު ވެސް މިހާރު އޭނާ އަށް ދަނީ ލިބެމުންނެވެ.

"އަސްލު އެންމެ އުނދަގުލީ ރާއްޖެއިން ބޭނުންވާ މެޓީރިއަލްސް ފަސޭހައިން ނުލިބޭތީ. ފިހާރަތަކަށް ވަރަށް ހިނގައިގެން ނޫނީ އޮންލައިން ކޮށް އޯޑަރު ކޮށްގެން ރާއްޖެއިން ބޭރުން އެއްޗެހި މި ހަމަ ކުރަނީ" މަސައްކަތުގައި އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ އެހުމުން ޝާފިއު ބުންޏެވެ.

މި ވަގުތު އަމިއްލަ ފެންވަރުގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ތަނަށް ޝާފިއުގެ ވިސްނުން ވަރަށް ތަނަވަހެވެ. މީގެ ކުރިން ވެސް ޓޫރިސްޓް ސުވެނިއާސްގެ ގޮތުގައި ރިސޯޓްތަކަށް މޮޑެލްތައް ހަދައި ދިނުމަށް ހުށައެޅުމެއް ލިބުނު ނަމަވެސް ހާލަތު ހުރިގޮތުން އެ ހުށައެޅުމަށް އިންކާރު ކުރީ ކަމަށް ޝާފިއު ބުންޏެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ފުރުސަތެއް ދެން ލިބިއްޖެނަމަ ބޭނުން ހިފަން ޝާފިއުގެ ވިސްނުން އެބަ އޮތެވެ.

ޝާފިއު ހަދާފައިވާ ސުނާމީ ބިނާގެ މޮޑެލް

ދެން އެންމެ އަވަހަށް އާއްމުންނަށް އޭނާގެ މަސައްކަތެއް ފެންނާނީ މޯލްޑިވްސް އާޓް ކޮމިއުނިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ އަންވެއިލިން ވިޝަންސް 2021 ގަ އެވެ. އެ މައުރަޒުގައި ބައިވެރި ކުރާނެ މޮޑެލްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މިހާ ހިސާބަށް އާދެވުނު އިރު އޭނާގެ ފަހަތުގައި ދެގޮތެއްނުވެ ތިބި އޭނާގެ އަންހެނުންނާއި މަންމަގެ ނަން ޝާފިއު ފާހަގަ ކުރި އެވެ. އެ ދެމީހުންގެ ފަރާތުން ލިބުނު ޚިޔާލާއި ހިތްވަރަކީ ޝާފިއުގެ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަ ކަމެއް ކަމުގައި ޝާފިއު ދެކެ އެވެ. އެ ދެމީހުންގެ އަގު ވަޒަންކޮށް، ޝާފިއު ޝުކުރު އަދާ ކުރީ ހިތުގެ އެންމެ ފުނުންނެވެ.

އޭނާގެ މަސައްކަތްތައް ކިތަންމެހާ ވެސް ފުރިހަމަ އެވެ. އޭނާގެ އަތުން ހިފަހައްޓައިގެން އެހުރި މެދުޒިޔާރަތޭ އެއްގޮތަށް ޝާފިއުގެ މޮޑެލްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.