އެމްޑީޕީގެ ކުރު ސިޔާސީ ހަޔާތުގައި ދެވަނަ ބަޣާވާތެއް ޕާޓީގެ ތެރެއިން ގެންނަ ވާހަކަ ޕާޓީގެ އެންމެ އިސް ބޭފުޅުން ދައްކަވާތީ އެ މައްސަލަ ބަލަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ކުރިއަށް ގެންދާ އިންކުއަރީއާ ގުޅިގެން އެމްޑީޕީ ވަނީ ދެފަޅިވެފަ އެވެ.

މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާ ދެކޮޅަށް އެމްއެންޑީއެފްއިން ސިޓީ ފޮނުވުމާ ގުޅިގެން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށް ބުނެ ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު ބޭރުކޮށްލުމުން ވަނީ އެމްޑީޕީ ތެރޭގައި ވަނީ ހޫނުވެފަ އެވެ.

ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ މެމްބަރުން އެ މައްސަލަ ނުބެލުނީ ރައީސް ސާލިހު އެކަމަށް ހުރަސް އެޅުމުން ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް އެމްޑީޕީއިން އެކަހެރިކުރުމުގެ މަސައްކަތް ކުރަވަމުން ގެންދަވާ ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ވަނީ އެމްޑީޕީއަކީ ރައްޔިތުންގެ ފައިސާއިން ހަރަދު ކުރާ ޕާޓީއަކަށްވާއިރު، އެ ޕާޓީގެ އިސްބޭފުޅުން ބުނާ ބަޣާވާތުގެ ވާހަކަ ދައްކަވާތީ، އެ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލައްވާފަ އެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބު މިނިސްޓަރު، ހަސަން ޒަމީލްގެ ސޫލީކީ މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލުމުގެ ފަހަތުގައި ހުންނެވި ކަމަށް ތުހުމަތުކުރެވިފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދު ވަނީ މިއަދު ދެއްވާފަ އެވެ.

މީގެ އިތުރުން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް މެމްބަރުން މިނިވަން ކަމާއެކު މަސައްކަތް ކުރެވިގެންދާނެ ކަމާމެދުގައި ސުވާލުތަކެއް އުފައްދަވާފަ އެވެ.