ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ބޯޑަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މި އިންތިޚާބު މިއަދު ހެނދުނު ފެށިގެން ކުރިއަށްދާއިރު ކައުންސިލު އިދާރާއެއް ހުންނަ ކޮންމެ ރަށެއްގައި ވޯޓު ފޮޓެއް ވަނީ ބަހައްޓާފަ އެވެ. ނަމަވެސް އައްޑޫގައި ބަހައްޓާފައި ވަނީ ދެ ވޯޓު ފޮށި އެވެ. އެއީ އައްޑޫ ސިޓީ ކައުންސިލު އިދާރާގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓާއި ހުޅުދޫއާއި މީދޫއާ ގުޅޭ ހިސާބުގެ ސުކޫލެއްގައި ބަހައްޓާފައި ހުރި ވޯޓް ފޮޓެކެވެ.
އައު ކައުންސިލުތަކާއެކު އެކުލަވައިލި އެލްޖީއޭގެ ބޯޑުގެ ރައީސްގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި އެ އިދާރާގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސް ޕާސަން ފާތިމަތު އަފްޝަން ލަތީފެވެ.
އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރެއްވުމަށް ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު، އެމްޑީޕީން ވާދަކުރައްވަނީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ. އެކަމަކު ބަޝީރު ވަނީ އެ މައްސަލަ ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމާ އެވެ.
އަދި ރަށު ކައުންސިލުތަކުގެ ގޮނޑިއަށް ރަށު ކައުންސިލުތަކުގެ ފަރާތުން ހަތް ކައުންސިލަރުން ކުރިމަތިލައްވާފައިވެ އެވެ.