މޫދުގައި ގަދަ އޮއިވަރެއްގައި ޖެހި ގެނބެމުންދިޔަ ތިން ކުދިންތަކެއް މާބަނޑު އަންހެނަކު ސަލާމަތްކޮށްފި އެވެ.

އެމެރިކާގެ ލޭކް މިޝިގަން އެރިއުޅުނު އުމުރުން 15 އަހަރުގެ އެ ކުދިންތައް ގެނބެމުން ދިޔަތަން އޭނާގެ ލޮލުގައި އަޅައިގަތްއިރު، އެލީސާ ޑޭވިޑް ހުރީ އޭނާގެ ދަރިންނާއެކު އެއްގަމު އަތިރިމަތީގަ އެވެ.

"އަހަންނަށް އެތަނުގައި ހުރެވުނީތީ ޝުކުރުވެރި ވަން. އަހަރެން ނެތްނަމަ އެކުދިން ސަލާމަތުން އެރޭނެ ކަމުގެ ޔަގީންކަމެއް ނެތް،" އޭނާ ބުންޏެވެ.

އެލީސާ އެކުދިން ސަލާމަތްކުރަން ދިޔައީ ގަދަ އޮއިވަރާއެކު ތިން ކުދިން ފުނަށް ދަމައިގަތްތަން ފެނުމުންނެވެ. އެލީސާ އޭނާގެ ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކުރަމުން ބުނީ އުސް ބާނިތަކުގެ ސަބަބުން އެ ކުދިންނަށް އެއްގަމަށް އަރަން އުނދަގޫވީ ކަމަށެވެ.

އެ މަންޒަރު އެލީސާއަށް ފެނިގެން ދަރިންކޮޅު ބައިތިއްބާފައި އޭނާ އެކުދިންނާ ދިމާލަށް ފަތައިގަތީ އެވެ. އަދި މޫދަށް ފުންމާލައިގެން ގޮސް ވަރަށް ހިތްވަރާއެކު އެ ކުދިން ގޮވައިގެން އެއްގަމަށް ގެންނަން މަސައްކަތް ކުރި އެވެ.

އެލީސާ ބުނީ އޭގެ ތެރެއިން އެއްކުއްޖަކު އޭނާ މަރުވާނެ ކަމަށް ބުނުމުން ވަރަށް އަސަރުކުރި ކަމަށާއި އަދި އެހާ ހިސާބުން އެ ކުދިން ސަލާމަތުން އެއްގަމަށް ގެނައުމަށް އަޒުމް ކަނޑައެޅީ ކަމަށެވެ.

ގެނބެމުން ދިޔަ ކުދިން ގޮވައިގެން އެލީސާ އެއްގަމަށް އެރިތާ މާ ގިނައިރެއް ނުވަނީސް އެ ސަރަހައްދަށް ފުލުހުން އައިސް ހަރަކާތްތެރި ވާން ފެށި އެވެ.

ބަނޑަށް ފަސްމަސް ފުރިފައިވާ އެލީސާ އެ ކުދިން ސަލާމަތް ކުރުމަށްފަހު އަވަސްވެގަތީ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލު ބެލުމަށެވެ. އެމެޖެންސީގައި ކުރި ޓެސްޓްތަކުން އެލީސާ އަށާއި އޭނާގެ ދަރިފުޅަށް ވެސް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާކަން އެނގުނެވެ.