ދައުލަތުގެ ފަރާތުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުުމަށް އެއްބަސްވި 15 މިލިއަން ރުފިޔާ އެ ކޮލެޖް ހިންގާ ކުންފުންޏަށް ދިނުމުގެ ގޮތުން ކޯޓަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ހޯދަން މަންދު ކޮލެޖުން ދައުވާކުރި އެވެ. ނަމަވެސް ސިިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ނަގައިދޭ ގޮތަށެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.

އެއް މަސްދުވަހުގެ ތެރޭގައި ކޯޓަށް އެ ބަދަލުގެ ފައިސާ ދެއްކުމަށް މިދިޔަ އޭޕްރީލް 19 ގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް މުއްދަތުގެ ތެރޭގައި ކޯޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން، ބަދަލުގެ ވަކި ވަރެއް މަންދުގެ އެކައުންޓަށް މިދިޔަ ހަފުތާގައި ޖަމާކޮށްފައިވާ ކަމަށެވެ.