އާކިއޮލޮޖިސްޓުންގެ ޓީމަކަށް މިސްރުގެ ގީޒާއިން މީގެ 2،500 އަހަރު ކުރީގެ ސަންދޯއްތަކެއް ފެނިއްޖެ އެވެ.

މި ސަންދޯއްތައް ފެނިފައިވަނީ ގީޒާގެ ސަގާރާ ނެކްރޮޕޯލިސް އިންނެވެ. އެކި ކަހަލަ ތަކެތިން ޖަރީކޮށްފައިވާ ސަންދޯއްތައް ފުރަތަމަ ފަހަރަށް މީޑިއާތަކަށް ދައްކާލިއިރު އާކިއޮލޮޖިސްޓުންގެ ޓިމުން ވަނީ މަމީސްތައް ވެސް ދައްކާލާފަ އެވެ. މި މަމީސްތައް ހުރީ ގަދަ ކުލަތަކުން ހައިރޯގްލިފިކްއިން ލިޔެފައި ހުންނަ ކަފުން ފޮއްޗާއެކުގަ އެވެ.

މި ސަންދޯއްތައް ފެނިފައިވަނީ ސަގާރާގެ ގަބުރުސްތާނެއްގެ ތެރެއިންނެވެ. އެއީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށް ކަނޑައަޅާފައި އޮންނަ ހިސާބެކެެވެ.

ޕިރަމިޑްސް އޮފް ގީޒާއާއި އިރު ދެކުނުން 10 މޭލު ދުރުގައި އޮންނަ މި ގަބުރުސްތާނުން 59 އެންތްރޮޕޮއިޑް ޕެއިންޓެޑް ސަންދޯއް ފެނިފައިވެ އެވެ. އޭގެ ތެރެއިން މީޑިއާތަކަށް ދައްކާލާފައިވަނީ 40 ވަރަކަށް ސަންދޯކެވެ.

ބެެލެވޭ ގޮތުގައި މި ސަންދޯއްތަކުގައި ވަޅުލާފައި ވަނީ މިސްރުގެ އެންމެ މަތީ ފަންތީގެ މީހުންތަކަކެވެ.