އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ އެޕާޓީގެ އިސްލާމް ދީނުގެ ކަންކަމާ ބެހޭ ކޮމިޓީ ނެތި ފަސް އަހަރުގެ މުއްދަތު ވެފައިވާތީ ހިނގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގައި އިސްލާމް ދީނުގެ ކަންކަމާ ބެހޭ ކޮމެޓީ ނެތިގެން ފަސް އަހަރުވެފައިވާތީ ސަނީފް ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މުންކަރާތްތައް ނަހީ ކުރުން މަނާކުރުމަކީ ޤާނޫނީ ކުށަކަށް ވެދާނެ ފަދަ އިސްލާހަށް ވާހަކަ ދައްކަވަމުނެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީއަކީވެސް އިސްލާމް ދީނަށް ލޯބި ކުރާ ޕާޓީއެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ކޮމިޓީ އެކުލަވާލުމަށް އޭނާ ވަނީ އެމްޑީޕީގެ ވެރިންނަށް ގޮވާލައްވާފަ އެވެ.

"މިއީ އިސްލާމް ދީނަށް ލޯބި ކުރާ ޕާޓީއެއް، އެހެންވެ ދީނާ ބެހޭ ކަންކަމުގައި ޕާޓީން ނަގާނެ ގޮތެއް ނިންމަން ކޮމިޓީއެއް އެ އޮންނަނީ، މި ބިލާ ގުޅިގެން ވެސް ގޮތެއް ނިންމަން ވާނީ އެ ކޮމިޓީން، އެ އެކުލަވާލަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ސަނީފް ވިދާޅުވި އެވެ.

މިބިލަށް އިތުރަށް ބަސްހުސް ކުރައްވަމުން ސަނީފް ވިދާޅުވީ އެ ބިލުގައި ކަންކަން ހިމަނާފައިވަނީ ވަރަށް ފުޅާދާއިރާއެއްގައި ކަމަށެވެ. އަދި އެގޮތަށް އޮތުމުން މީހަކު ދީނާއި ހިލާފުވެގެން އެކަން ފާހަގަ ކުރުމުގެ މިނިވަންކަމަށްވެސް ހުރަސް އެޅޭނެ ކަމަށް ސަނީފް ވިދާޅުވި އެވެ.

މިހާރު ބިލު އޮތް ގޮތުން ސިޔާސީ މަޤްސަދެއްގައިވެސް ބަޔަކު ބަންދު ކުރެވިދާނެ ކަމަށާއި ސިޔާސީގޮތުން މީހުން ހައްޔަރު ކުރުމަކީ އެމްޑީޕީއިން ޒަމާނުއްސުރެ ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދު އެމްޑީޕީއެއް ނޫން ބާރުގައި ވެސް ތިބޭނީ، އެހެން ބަޔަކު ވެސް ތިބޭނެ ދުވަހެއް އަންނާނެ، މިހާރު މި އޮތީ ކޮންމެ ވެސް ދުވަހަކުން ވިޔަސް ސިޔާސީ މަގްސަދެއްގައި ބަޔަކު މީހުން ޖަލުތަކަށް ލައިގެން ޖަލުތައް ފުރައިލެވޭ ގޮތަށް،" ސަނީފް ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލަށް ގިނަ ދީނީ އިލްމުވެރިން ދީފައިވާ ނަމަކީ ސެކިއުލަރ ބިލެވެ. އެ ބިލާއި ދެކޮޅަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ބަޔާން ނެރެމުން އަންނަ އިރު މާލެ ސިޓީ ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއިންވެސް ވަނީ އެބިލާއި ދެކޮޅުކަން ހާމަކޮށްފަ އެވެ.