މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

އެ ބިލަކީ ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ތުޅާދާ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެކެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަމަށް ވިދާޅުވެ، ހިސާން ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލު އިތުރަށް ދިރާސާކުރަން މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. ބިލު ހުށަހަޅުއްވަމުން ހިސާން މިއަދު ވިދާޅުވީ ނަފުތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުން ކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކަަަމަށާއި އެތައް ބައެއްގެ ލޭ ހުއްދަކޮށް، ގާނޫނުގެ ބޭރުން މީހުން މަރަން އެފަދަ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަން ކަމަށްވާ ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީގެ މަދު މެމްބަރުންތަކެއް ދަނީ ހިސާން ހުށަހެޅުއްވި އެ ބިލު އޮތް ގޮތުގެ ސަބަބުން ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ތަމްސީލު ކުރައްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، ބިލު ފަރުމާކޮށްފައި އޮތްގޮތުން ދީނީ އިލްމުވެރިންނަަށް ދީނުގެ ކަންކަން އޮންނަ ގޮތް ބުނެދިނުމަށް ހުރަސް އެޅޭނެ ކަމަށެވެ.

ބިލާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެބައި އުނިކުރަން މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.