ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި "ލާދީނީ" ބިލު ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީ ހަތަރު މެމްބަރަކު ވޯޓު ދީފި އެވެ.

ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ މުސްލިމަކާ ދިމާއަށް ލާދިނީ މީހެކޭ ބުނުން ކުށަކަށް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިބިލްގެ އިބްތިދާއީ ބަހުސް ނިންމާލުމަށްފަހު ބިލް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލުމުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

ހިސާންގެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިން އެމްޑީޕީ މެމްބަރުންގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުން ހިމެނެ އެވެ.އެ ސިޓީގެ ތިން މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އެވެ.

އެ ތިން މެމްބަރުންގެ އިތުރުން ހިސާންގެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.

ސަނީފު ވަނީ ބިލްގެ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފަ އެވެ. ހިސާންގެ ބިލާ ދެކޮޅަށް އިތުރަށް ވޯޓު ދެއްވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޖޭޕީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ހިސާން ބިލް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާކޮށްގެން ހިސާން ހުށަހެޅުއްވި މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.