ސަން އޮންލައިންގެ ޗީފް އެޑިޓަރުގެ މަގާމުން ހިރިގާ، އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޒާހިރު ވަނީ ސަން އޮންލައިންގައި 10 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ ސަން އިން ވަކިވެވަޑައިގެންނެވީ "މިހާރު" ނޫހާއި ކުރީގެ "ހަވީރު"ގައި އިސްކޮށްއުޅުއްވި ބައެއް ނޫސްވެރިންނާއެކު އާ ނޫހެއް އުފެއްދަވައި، ނޫސްވެރިކަން ކުރެއްވުމަށެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އޭނާ ވިދާޅުވީ، ސަން އޮންލައިންއިން އޭނާ ވަކިވީ އެތައް ހަނދާންތަކަކާއެކު ކަމަށާއި މީޑިއާގެ ދާއިރާގައި އަދިވެސް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒާހިރު އޭނާގެ ނޫސްވެރިކަމުގެ ކެރިއަރު ފެއްޓެވީ "ހަވީރު" ނޫހުންނެވެ. އޭނާ ވަނީ ފަހުން އެ ނޫހުގެ މެނޭޖިން އެޑިޓަރުގެ މަގާމު ވެސް އެތައް އަހަރެއް ވަންދެން ފުރުއްވައިފަ އެވެ. ޒާހިރު ވަނީ ނޫސްވެރިކަން ކުރިއަރުވައި، ނޫސްވެރިން ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެގޮތުން، 2006 ވަނަ އަހަރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ނޫސްވެރިންގެ ޖަމިއްޔާއެއް ޒާހިރު އިސްކޮށް ހުންނަވައި އުފެއްދެވި އެވެ. އެ ޖަމިއްޔާގެ ރައީސްކަން ވެސް ޒާހިރު ކުރެއްވި އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ޒާހިރަށް މީޑިއާ ކައުންސިލުންދޭ އަލިމަސް ގަލަން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ. އޭގެއިތުރުން، ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓުން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފާއި ދިވެހި ނޫސްވެރިކަމުގެ ހިދުމަތުގެ ރިހި ގަލަން ވެސް ލިބިވަޑައިގަތެވެ.