ރާއްޖޭގައި ކޮވިޑަށް-19ގެ ހާލަތު ކުއްލިއަކަށް ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ ގައިން އިންޑިއާ އާއި ޔޫކޭ ވޭރިއަންޓް ފެންނަމުންދާ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު އެއްބަސްވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެ، އެތައް ބަޔަކު މަރުވާން ފެށުމުން ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮން ވޭރިއެންޓެއްކަން ބުނެ ދިނުމަށް ނޫސްކޮންފަރެންސްތަކުގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް އެ ސުވާލަކަށް ސީދާ ޖަވާބެއް މީގެ ކުރިން އެޗްއީއޯސީން ދީފައެއް ނުވެ އެވެ.

ރާއްޖޭގައި އުޅޭ ކޮވިޑް ވޭރިއަންޓް ދެނެގަތުމަށް ރާއްޖެއިން ބޭރަށް ޖީސީކުއެންސިއަށް ސާމްޕަލްތައް ވަނީ ފޮނުވާފަ އެވެ. އެ ސާމްޕަަލްތަކުގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ފޮނުވި ސާމްޕަލްތަކުގެ ތެރޭގައި ޔޫކޭ ވޭރިއަންޓް އަދި އިންޑިއާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. ފޮނުވި ސާމްޕަލްތަކުގެ 27 ޕަސެންޓް ހިއްސާކުރަނީ އިންޑިއާ ވޭރިއަންޓް ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

އިންޑިއާއިން ފެނުނު ވޭރިއެންޓަށް ދީފައިވާ ނަމަކީ ޑެލްޓާ އެވެ. އަދި ޔޫކޭއިން ފެނުނު ވޭރިއެންޓަށް ސައިންސްވެރިން ދީފައިވާ ނަމަކީ އަލްފާ އެވެ. އިންޑިއާ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިންނެވެ. އިންޑިއާގެ ބޭރުން އެ ވޭރިއެންޓުގެ ސަބަބުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ އިނގިރޭސިވިލާތުގަ އެވެ. އެ ވޭރިއެންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ގޮތަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

އިންޑިއާ ވޭރިއެންޓާ އެކު އިނގިރޭސި ވިލާތާއި ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނުނު ވޭރިއެންޓުތައް ވެސް ލިސްޓުކޮށްފައި ވަނީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތަކުގެ ގޮތުގަ އެވެ. މި ވޭރިއެންޓުތަކަކީ އޮރިޖަނަލް ވައިރަހަށް ވުރެ ނުރައްކާތެރި ވައިރަސްތަކެވެ.

އޮރިޖިނަލް ވައިރަހަށް ބަދަލު އައިސްގެން އުފެދިފައިވާ މި ހުރިހާ ވޭރިއެންޓެއް ވެސް މާ ހަލުވިކޮށް ފެތުރި، ބަލިވާ މިންވަރު އިތުރުވެ، ވެކްސިނާއި ބޭހުން ކުރާ އަސަރު ކުޑަ ކުރުވަ އެވެ.

މިއަދުގެ ނޫސްވެރިިންގެ ބަައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ޑެލްޓާ އަދި އަލްފާ ވޭރިއެންޓްގެ އިތުރުން ޖީ ވޭރިއެންޓް ވެސް ރާއްޖޭގައި އުޅޭ ކަމަށާއި މީގެ ކުރިން ފޮނުވާފައިވާ ގިނަ ސާމްޕަލްތަށް ޕޮޒިޓިވެފައި ވަނީ އެ ވޭރިއެންޓަށް ކަމަށެވެ.