ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކު ޖަލުން މިނިވަން ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަން ހާމަވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލީކަލް ކޮންސެލް އަހްމަދު އަބްދުﷲ އަފީފް ސޮއިކުރައްވައި 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އަބްދުﷲ އަލީ މަނިކަށް ފޮނުވި ސިޓީ މިހާރު ވަނީ އާންމުވެފަ އެވެ. އެ ސިޓީގައިވާގޮތުން ރައީސް ސޯލިހު ވަނީ މައާފްދީ އޭނާ މިނިވަން ކުރުމަށް ނިންމަވާފަ އެވެ.
އަލި މަނިކު މިނިވަންކުރިކަން ކަރެކްޝަންސްގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހިންގި އަނިޔާވެރި ތަޅާފޮޅުމުގައި ބައިވެރިވި މައްސަލާގައި 10 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ. ޖަލުގައި ހުއްޓާ އޭނާ ވަނީ ފިލައިގެންވެސް ގޮސްފަ އެވެ.
އޭނާ އަލުން ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.