މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އޭވިއޭޝަން ދާއިރާގެ ކުރީގެ އިސްވެރިންގެ ޚިޔާލުތައް ކްލަބް ހައުސްއަށްގައި ހިއްސާކުރަން ފަށައިފި އެވެ.

އެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންކުރާ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ކްލަބް ހައުސް"ގައި ކުރިޔަށް ގެންދިޔަ މި ފޯރަމްގައި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަން އަދި ސިވިލް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުންނާއި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މި ފޯރަމްގައި ބައިވެރިވެ ވާހަކަދެއްކެވި އެވެ.

މި ބައްދަލުވުމުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު (ރޯޒަރީ) އަދި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު އިބްރާހިމް އާއި އަލީ ހުސެއިން ދީދީ އާއި ބަންދު އިބްރާހިމް ސަލީމާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް ފައިސަލް އާއި އެމްއޭސީއެލްގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންނާއި މިހާރުގެ ބައެއް މުވައްޒަފުންނާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލާއި ތަޖުރިބާ ހިއްސާކުރެއްވި އެވެ.

އެ ފޯރަމްގައި ބައިވެރިވި ބައެއް ބޭފުޅުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގައި އިސް މަގާމުތަކުގައި ބިދޭސީން ގިނަ އަދަދަކަށް ތިބުމާއި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ ގޮތާއި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

އެ އެއާޕޯޓުގައި އިސް މަގާމުތައް އަދާކުރެއްވި އިސް ބޭފުޅުން ހިމެނޭ ތިންކް ޓޭންކެއް ކަމަށްވާ "މޯލްޑިވްސް އެއާޕޯޓްސް އެލަމްނައި" އިން ދާދި ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެ "ތިންކް ޓޭންކް" އަކީ ރާއްޖޭގެ ވައިގެ ބަދަރު ގާއިމްކޮށް ތަރައްގީކޮށް ހިންގާ ބެލެހެއްޓުމުގެ އެތަކެއް އަހަރެއްގެ ތަޖުރިބާއާއި މައުލޫމާތުގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ.

"އަޅުގަނޑުމެންގެ މި ބައިވެރިވުމުގެ މައިގަނޑު އަސާސް އަކީ މިވަގުތު އެމަސައްކަތާ ދުރުގައި ތިބިނަމަވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތާ އެސިނާއަތުގެ ނާރެސްކަމަށްވާ ފަތުރުވެރިކަމުގެ މަސައްކަތަށް އަރަނި ލިބިދެވޭފަދަ ގޮތެއްގެ މަތިން ވައިގެ ބަދަރުތައް ފުޅާވެ، ޙިދުމަތް ރަނގަޅުވަމުން ދިއުމަށް އެހީތެރިވެ ދިނުމެވެ." އެ ތިންކް ޓޭންކުން ބުނެފައިވެ އެވެ.

އެ ތިންކް ޓޭންކުން ބުނީ ވައިގެ ބަދަރުތަކުގެ ވިޔަފާރި އާއި ހިދުމަތާ، އެހިދުމަތުގެ ފެންވަރާއި، ޒަމާންތަކަށް ދެމިގެންދާ ގޮތަކަށް މިސިނާއަތުގެ އިންވެސްމަންޓްތައް ގާއިމުކޮށް، ބަލަހައްޓާ، މެދު ރާސްތާއެއްގަ އާއި ދިގު މުއްދަތަކަށް ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ބައްޓަން ވެގެން ދިޔުމަކީ ކޮންމެ މީހެއްގެ ވެސް ޝައުގުހުރި އަދި އެދޭ ގޮތް ވެސް ކަމަށެވެ.