މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ އިތުރު ސާޖަރީއެއް މިއަދު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅިގެން ފަޔަށް ލިބިފައިވާ ޒަހަމަކާއި ގުޅިގެން މިއަދު ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވެސް ނަޝީދު ވަނީ ފައިގެ ސާޖަރީއެއް ކޮށްފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. ނަޝީދަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ބުނީ ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނެވުނުއިރު އެމަނިކުފާނުގެ ހަށިކޮޅުގެ އެކިތަންތަނުން ލޭ އަންނަމުން ދިޔަ ކަމަށެވެ. އަދި ގޮއްވާލި އައިއީޑިއިން ބުރެގެން ދިޔަ ރޭޒާ ފުއްތަކެއް ވެސް އެ މަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާ ކަމަށާއި މީގެ ތެރެއިން އެކެތިކޮޅު ފުއްޕާމޭ ފޫ އަޅާފައި ދިޔަ ކަމަށް ވެސް އެޓީމުން ބުންޏެވެ.
ޑޮކްޓަރުންގެ ޓީމުން ހާމަކުރި ގޮތުގައި އެ ދަގަނޑުކޮޅު ރައީސް ނަޝީދުގެ ހިތްޕުޅަށް ނުހެރި ހުރީ ހަމަ ކިރިޔާ ކަމަށާއި ހިތާ ހިސާބަށް ނުގޮސް ސަލާމަތްވީ ކަށިގަނޑެއްގައި ޖެހި އެ ފުނޑިގެން ދިއުމުން ކަމަށެވެ.
ފަރުވާ ދިން ޓީމުގެ ޑޮކްޓަރުން ބުނީ ބަނޑާއި ގޮހޮރުން ވެސް އެކި ތަންތަން ފޫ އަޅާފައި ހުރި ކަމަށާއި ލިވާގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައި އޮތް ކަމަށެވެ.
ޑޮކްޓަރުން ވިދާޅުވި ގޮތުގައި ފުއްޕާމެއިން ވައި ބޭރުވުން ހުއްޓުވަން ޕެޗް އަޅަން ޖެހުނެވެ. އަދި ގޮހޮރުން ފޫދިޔަ ތަންތަނުން ވެސް އެއްޗެހި ބޭރުގެ އިންފެކްޝަންގެ ބިރު އޮތް ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވިދާޅުވީ ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ރޭޒާ ފުއް ފަދަ އެއްޗެހި ލޭގެ މައި ހޮޅި އަށް ވަނުމުން އެ ނެގުން ވީ އުނދަގޫ ކަމަކަށް ކަމަށެވެ. އެހެންވެ އާންމުކޮށް ޕްރޮސީޖާތައް ހަދާ ގޮތާ ހިލާފަށް، އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ވެސް އެހީއާ އެކު ވަރަށް އުނދަގުލުން ކަމަށެވެ.