ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިފައި އޮތީ ބައެއް ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ގޮތަށް ކަމަށް އެ ކުންފުނީގެ ކުރީގެ ބައެއް އިސްވެރިން ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ ހުރި ބައެއް މައްސަލަތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ކްލަބް ހައުސްގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެ ކުންފުނީގެ ބޯޑު އެކުލަވާލަން ޖެހެނީ އެއްވެސް އަމިއްލަ މަސްލަހަތެއް ނެތްކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އެމްއެމްއޭގެ ބޯޑު އެކުލެވިގެންވާ ގޮތެވެ.
ބަންދު ސަލީމް ވިދާޅުވީ އެމްއެމްއޭގެ ބޯޑު އެކުލެވިގެން ވަނީ އެ އޮތޯރިޓީގެ ގާނޫނު އެކުލެވިގެންވާ ގޮތުގެ މަތިން ވަރަށް ފުރިހަމައަށް ކަމަށެވެ.
"އެމްއެމްއޭގެ ބޯޑުގެ އިތުރުން އެތަނުން ރެގިއުލޭޓްކުރައްވާ ތަންތަނުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތް ވެސް އެ ބޭފުޅުން ބައްލަވާ. އެހެންވުމުން މަސްލަހަތު ފުށުއެރުމާއި ބޯޑުގައި ތިބެން ޖެހޭ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ވެސް އެމްއެމްއޭ އިން ބަލާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުގެ ފަހުކޮޅުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަލީ ހުސެއިން ދީދީ (އަލިދީ) ވިދާޅުވީ ކުންފުނީގެ ޕޮލިސީ ކަނޑައަޅާ ބޭފުޅާ ގޮސް ކުންފުނިން ހިދުމަތް ގަންނަ މީހާގެ ގޮނޑީގައި އިނުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ.
"ޕޮލިސީ ކަނޑައަޅާ މީހާ ގޮސް ހިދުމަތް ގަންނަ ގޮނޑީގައި އިނުމުން ކޮންފްލިކްޓް އޮފް އިންޓަރެސްޓް ޑިސިޝަން ނަގާއިރު އަންނާނެ. އޭގެ ނޭދެވޭ އަސަރު ކުންފުންޏަށް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަލިދީ ވިދާޅުވީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ މަސްލަހަތު ފުށުއެރުމުގެ އަސަރު ފެންނާނީ ކުންފުންޏަށް ބޮޑު ކަމެއް ދިމާވާ ދުވަހަކުން ކަމަށެވެ. އަދި ބޯޑުގެ ފުށުއެރުންތަކެއް ހުންނަ ނަމަ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅަކާ ގުޅިގެން ސޭފްޓީ އާއި ސެކިއުރިޓީ ވެސް ކޮމްޕްރޮމައިޒްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ އިމްޕެކްޓް ފެންނާނީ ކަމެއް ދިމާވީމަ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަންވާނީ ކުންފުނީގެ ކަންކަމުގައި ޒިންމާވާނެ އަދި ޒިންމާ ނަގާނެ ބޭފުޅުން،" އަލިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއޭސީއެލްގެ ބޯޑު އެކުލަވާލާއިރު އެއް ދާއިރާއެއްގެ ގިނަ މީހުން ތިބުމުގެ ބަދަލުގައި އެއާޕޯޓް އޮޕަރޭޝަނާ ގުޅުންހުރި އެހެން ދާއިރާތަކުގެ މީހުން ވެސް ތިބެން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ތަމްސީލްކުރަން ޖެހޭނީ ބޮޑުގައި. މީގެ އިތުރުން އެއާޕޯޓާ ގުޅުން ހުރި އެހެން ދާއިރާތަކުން ވެސް މީހުން ތިބެން ޖެހޭނެ،" އަލިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްލަހަތު ފުށުއަރާ ބޯޑެއް އޮތިއްޔާ ހުރިހާ އެއްޗެއް ކޮމްޕްރައިޒްކުރެވޭ ކަމަށެވެ.
"މިހާރުގެ ބޯޑު އިންޓަރެސްޓާއި ހިއްސާ އެބަވޭ އެއާލައިނާއި ޓޫރިޒަމް އެހެނިހެން ދާއިރާގެ. ލައުންޖްތައް ކުއްޔަށްދޭން، ހުއްޔަށް ހިފަނީ ރިސޯޓްތަކުން ޓުއާ އޮޕަރޭޓަރުން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތަކުގެ އަސްލަކީ އިންއެފިސަންޓް ބޯޑް އެޕޮއިންޓްމަންޓް ސިސްޓަމެއް އޮތުމުން ކަމަށެވެ.
"އެއާޕޯޓުގެ އާ ރަންވޭ އެއް ހެދިއިރު ބޯޑުން ނިންމާފައެއް ނެތް ބޭނުންކުރާނެ ގޮތެއް. އެކަން އެހިސާބަށް ވިސްނާފައެއް ނެތް. ފައިދާ ނުނެރެވޭ ގޮތަށް އިންވެސްޓްމަންޓެއް ނުހަދާނެ،" އަލީދީ ވިދާޅުވި އެވެ.
އެ ފޯރަމްގައި ވާހަކަދެއްކެވި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކުރީގެ ޗެއާމަން އަދި އެމްއޭސީއެލްގައި ކުރިން އިސް މަގާމުތައް އަދާކުރެއްވި އިބްރާހިމް ފައިސަލް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްގައި ކޮންފްލިކްޓް އިންޓަރެސްޓް އޮވެގެން ނުވާނެ ކަމަށެވެ.
"އެ ފަދަ ކުންފުންޏެއްގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ތަޖުރިބާއެއް ހުންނަން ޖެހޭ. އޭވިއޭޝަން އެކްސްޕީރިއަންސް ހުންނަން ޖެހޭ. ވިޔަފާރީގެ ދާއިރާ އާއި އިންޖިނިއަރިން ފަދަ ތަފާތު އެކި ދާއިރާގެ މީހުން ތިބެން ޖެހޭނެ. ރާއްޖެ ކަހަލަ ތަނެއްގައި ޓޫރިޒަމް ދާއިރާގެ މީހަކު ވެސް އިންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ނެތް ނަމަ ކުންފުނީގެ ސީއީއޯ އަށް އެކަމާ ގުޅޭ ޕޮލިސީއެއް ނުހެދޭނެ ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓްގެ އިތުރުން ޗެއާމަން މުހައްމަދު އުމަރު މަނިކު (ކޮލި މޮހޮދޭ) އާއި އިބްރާހިމް ނޫރައްދީނާއި ޑރ. އިބްރާހިމް މަހުފޫޒާއި އައިޝަތު އަރުޝާ އަދި އަހުމަދު އިމާން މޫސާ އެވެ. އެ ކުންފުނީގެ ބޯޑުގައި ހަތް މެމްބަރުން ތިއްބަވާއިރު މިވަގުތު އެއް ބޭފުޅަކު ނެތެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކުރާނަމަ ކޮންމެވެސް ދަންތޫރައެއްގައި ޖައްސާނެ ނޫނީ ހޮޔޮވަރުކޮށް ފަހާލާފަ ގަވާއިދެއް ވައްޓާލާފަ ބޯޑުންވަކިކުރާނެ، ބުރޯ ފަޔާ، ޔޫކޭ އަންނި ނުނީ ރޯން ނުދަންނަ އިބޫ ބޭނުންވާގޮއް ކަޓް ނުލިބެއްޔާ ޖެހެނީ ބޭރުވާން، މި ނޫން ގޮތަކަށް ބޯޑެއް މިސަރުކާރުން ހަދާފަ އެއް ނޯންނާނެ މިހާރުވެސް ބަލާ.