ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މުސްލިމަކު ކާފަރުކުރުމަކީ ޖިނާއީކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަ ބިލާ ދެކޮޅަށް ރަށްރަށުގެ ކައުންސިލުތަކުން ބަޔާން ނެރުން ހުއްޓުވުމަށް އެމްޑީޕީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ގޮވާލައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒު މިގޮތަށް ގޮވާލެއްވީ އެމްޑިޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިފާޒު ވިދާޅުވީ މިބިލަކީ ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށްޓަކައި ހުށަޙަޅާފައިވާ ބިލެއް ކަމަށާއި މިކަމާދެކޮޅަށް ބަޔަކު ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ބިލު "ސެކިއުލާ" ބިލަކަށް ހަދައިގެން އެމްޑީޕީއަށް އަމާޒުކޮށް ޖަމިއްޔަތުއް ސަލަފުން ކެމްޕޭނެއް ފަށާފައިވާ ކަމަށް ބުނެ މަޝްހޫރު ދީނީ ޖަމިއްޔާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސސިފާޒު ވިދާޅުވީ ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ނެރޭ ބަޔާންތައް ނެރުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.

"މި ގައުމީ މަޖިލީހުގެ އެންމެހާ ދާއިރާ ރައީސުންގެ ކިބައިން އެދެން ބޭނުން، އެ ދާއިރާއެއްގެ ކައުންސިލު މެދުވެރިކޮށް ސަލަފުގެ އެ ބަޔާން ނެރެމުންދާ ނެރުމަށް ތިބޭފުޅުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާށޭ އެކަން ނުކުރެވޭނެ ގޮތަކަށް،" ޝިފާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ކައުންސިލުތައް ނެތް ރަށްތަކުގެ ކައުންސިލުތަކުން ވެސް ބަޔާންތައް ނުނެރެ މަޑުޖައްސާލުމަށް މަސައްކަތް ކުރުން ނުވަތަ އެކަމާ ދެކޮޅަށް އެހެން ކަމެއް ކުރުމަށް މަސައްކަތް ކުރުމަށް ޝިފާޒް ފާޅުގައި ވަނީ ގޮވާލާ ފައެވެ. މިފަދަ ކޮންމެ ވަގުތެއްގައި ވާހަކަ އެހެން ދިމާލަކަށް ގެންދިޔުމުގައި ބައެއް ފަރާތްތަކުން ކުރާ މަސައްކަތުގައި އެމްޑީޕީގެ ބައެއް ފަރާތްތަކުން ވެސް ބައިވެރިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ނުދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ނަފްރަތު" ބިލާ ދެކޮޅަށް ގިނަ ކައުންސިލުތަކަކުން ބަޔާން ނެރެފައިވާއިރު 101 އިލުމުވެރިއަކު ސޮއި ކުރައްވާ ބިލް އަންބުރާ ގެންދިޔުމަށް އެދި ރައީސް ސޯލިހަށް ވަނީ ފެޓިޝަނެއް ހުށަޙަޅާފަ އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ އިއްތިފާގުން މަޝްހޫރު ދީނީ ޖަމިއްޔާ އަކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ލާދީނީ" ބިލަކީ ސީދާ އިލްމުވެރިންނަށް ދެވޭ ހަމަލާއެއް ކަމަށާއި، މި ބިލު މިހާރު އޮތް ގޮތުން ސާފުވެގެން ދަނީ މި ބިލުގެ މަގުސަދަކީ ދީނީ އިލްމުވެރިންގެ އަނގަ ބަންދުކޮށް، ލާދީނިއްޔަތު ފެތުރުން ކަމަށް ކަމަށެވެ. ކައުންސިލްތަކުން އަންނަނީ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަޔާންތައް ނެރެމުންނެވެ.

ހިސާން ހުށަހެޅުއްވި އެ ބިލުގެ ސަބަބުން ސެކިއުލަރިޒަމް ފަތުރަން ފަސޭހަވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ބިލާއި ދެކޮޅެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.

ބިލާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ހިސާން ވިދާޅުވެފައި ވަނީ، އޭނާ ހުށަހެޅުއްވި ބިލު އޮތީީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އެކަމަކު ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ.