ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 241 ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒު (ބަންޑާރަ ކޮށި)އަށް މިއަދު ވަޑައިގެންފި އެވެ.
ބީކޭއަށް ވަޑައިގެންނެވި 241 ކޮމިޓީގެ މެމްބަރުންނަކީ، ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ. މަޖިލީހުގެ އިދާރާ އިން ބުނީ 241 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތީ އިންކުއަރީގެ ބޭނުމެއްގައި ކަމަށެވެ. ނަމަވެސް އިންކުއަރީ އަދި ނިމިފައި ނުވާތީ މިވަގުތު އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް، އެމްއެންޑީއެފް އާއި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިން ވަނީ ހާޒިރުކޮށްފަ އެވެ. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ހާޒިރުކޮށްފައިވާއިރު، ނަޝީދު ބޮޑީގާޑުން ވެސް ވަނީ ހާޒިރުކޮށްގަ އެވެ. މިއަދުގެ ވަގުތެއްގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކޮށްފަ އެވެ.
ޕާލިމެންޓްރީ އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. މަޖިލީހުގެ އިންކުއަރީގައި ބަލަމުން ދަނީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން އިހްމާލުވެފައި ހުރި ގޮތްތަކެވެ.
ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.