ކޮވިޑަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 206 އަށް އަރައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިރޭ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު އިތުރު ދެ މީހަކު ވެސް މި ބަލީގައި މަރުވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މި ބައްޔަށް ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 1:30ގައި 55 އަހަރުގެ އިންޑިއާ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

ހަމައެހެންމެ އެ ފެސިލިޓީގައި ފަރުވާދެމުންގެންދަނިކޮށް ރޭ ފަތިހު 5:19ގައި 41 އަހަރުގެ ދިވެހި ފިރިހެނަކުން ވެސް މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ފާއިތުވެގެން ދިޔަ ދެ މަސް ދުވަހު ތެރޭގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު 1،000 މަތީގައި ހުރުމަށް ފަހު އިއްޔެ ވަނީ ސަތޭކައިން ތިރިވެފަ އެވެ. މިދިޔަ މަހަކީ ރާއްޖެއިން އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބަޔަކަށް މީގެ ކުރިން ފަރުވާ ނުހޯދާ މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއާއެކު މިބަލީގެ ނުރައްކާ ޒުވާނުންނަށާއި ކުޑަކުދިންނަށް ވެސް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.