ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ޖަލްސާއަށް ހުށަހަޅުއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ތީީމުގެއަކީ ރައީސަކު ދިރިއުޅުއްވަން، ރައްްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ތަން ކަަމަށެވެ.

"ތީމުގެއަކީ އަޅުގަނޑުގެ މައުލޫމާތުގައި ރައީސުލްޖުމްހޫރިއްޔާއަކު ދިރިއުޅުއްވުމަށްޓަކައި ސަލާމަތީ ގޮތުން ވެސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ބިނާކުރެވިފައިވާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިޔަމުން ދިޔަ ނަމަވެސް މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ އެއީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

އަސްލަމްގެ އެ ހުށަހެޅުއްވުމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވެސް ތާއީދު ކުރެއްވި އެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނުރައްކާ އެންމެ ބޮޑުވާނީ ރައީސަށް ކަމަށާއި އެހެންވެ މުލިއާގެއަކީ އެކަމަށް އެންމެ އެކަށޭނެ ތަނެއް ނޫން ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެ އިމާރާތްކުރި އެ ތަން، މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ބަދަލުވުމަށް ފަހު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބޭނުންތަަކަށެވެ.