އިތުރު 253 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 35 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 164 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ތިން މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށަކުން 43 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 72،149 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،784 ގައި މިހާރު ހުރިއިރު 67،148 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 44 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 206 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.