ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދް އޭނާގެ 18 އަހަރުގެ ފިރިހެން ދަރިފުޅަށް 3 ކްރޯޑް ރުޕީސްގެ އަގުބޮޑު ކާރެއް ގަނެދިންކަމަށް ބުނެ ދެއްކި ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ބައްޕައިންގެ ދުވަހުގެ މުނާސަބާގައި ތިން ކުރޯޑް ރުޕީސް (403,591 ޑޮލަރު)ގެ އަގުބޮޑު ކާރެއް ސޯނޫ ސޫދުގެ 18 އަހަރުގެ ފިރިހެން ދަރިފުޅަށް ގަނެދީފައިވާ ކަމަށް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެ ވާހަކަތައް ސޯނޫ ސޫދު ވަނީ ދޮގުކޮށްފަ އެވެ.

ސޯނޫ ސޫދް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅަށް ކާރެއް ނުގަނެދޭ ކަމަށާއި، އެ ކާރަކީ ޓެސްޓްކޮށްލުމަށް އެ އާއިލާއަށް ދުއްވާލަން ލިބުނު ކާރެކެވެ. އެ މީހުން އެ ކާރު ގަނެފައިނުވާ ކަމަށް ވެސް ސޯނޫ ވަނީ ބުނެފަ އެވެ.

ސޯނޫ ވަނީ ބައްޕައިންގެ ދުވަހު ދަރިފުޅަށް އޭނަ ހަދިޔާ ދޭންވީ ސަބަބަކާމެދު ސުވާލު އުފައްދާފަ އެވެ. ސޯނޫ ސޫދް ބުނެފައިވާ ގޮތުން ބައްޕައިންގެ ދުވަހަކީ އޭނާގެ ދުވަހަށްވާއިރު ދަރިފުޅު ހަދިޔާ ދޭން ވާނީ އޭނާއަށް ކަމަށެވެ.

ސޯނޫ ސޫދް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާއަށް ބައްޕައިންގެ ދުވަހު ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއަކަށް ވާނީ ދަރިންނާ އެކުގައި ވަގުތު ހޭދަ ކޮށްލަން ލިބުމެވެ. އެއީ އޭނާއަށް ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތަކަށް ވާތީ އެވެ.