ބެއިޖިންގް (22 ޖޫން)- ކޮވިޑް- 19ގެ އާ ވޭރިއަންޓްތައް ފެތުރިދާނެކަމުގެ ބިރު އޮތް މި ދަނޑިވަޅުގައި، ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އަހަރަކަށް ދިގު ދަންމަން އެ ގައުމުން ދަނީ ވިސްނަމުންނެވެ.

އެގޮތުން މި ފިޔަވަޅުތައް އަންނަ 2022 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ދަމަހައްޓަން އެ ގައުމުގެ ކެބިނެޓާއި ސްޓޭޓް ކައުންސިލަށް ހުށައެޅި މަޝްވަރާކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ޗައިނާގެ ވޫހާންއިން 2019 ވަނަ އަހަރު މި ބަލި ފެނުމާއެކު އެ ގައުމުން ވަނީ ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ހުއްޓާލާފަ އެވެ. އަދި ހާލަތު ރަނގަޅުވުމަށް ފަހު ވެސް، އެ ގައުމުން ދަނީ ބައިނަލްއަގްވާމީ ދަތުރުފަތުރު ވަރަށް ގާތުން ކޮންޓްރޯލްކޮށް ބަލަމުންނެވެ.

އަންނަ އަހަރުގެ ފިނި މޫސުމުގެ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައިވާ ޗައިނާއަށް އެތެރެވާ ހުރިހާ މީހުން ވެސް ހަރުކަށި ކަރަންޓީނުގެ ފިޔަވަޅުތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ކުރިއާ އަޅާބަލާއިރު ކޮވިޑް -19ގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅު ވެފައިވާ ޗައިނާގެ ސަރުކާރުން ދަނީ އެ ގައުމުން ކޮވިޑް ނައްތާލުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ފާއިތުވި ހޯމަ ދުވަހު އެ ގައުމުން ފެނުނު ޖުމްލަ 25 ކޭސްގެ ތެރެއިން 23 ކޭސްއަކީ އިމްޕޯޓަޑް ކޭސްތަކެއްކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވެ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް