މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށް ޑިޖިޓަލް މާލޭ މަޝްރޫއު އިފްތިތާހްކޮށް، އޭގެ ބައެއްގެ ގޮތުގައި މާލޭ ސިޓީގައި ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވަނީ ރަހީނުކުރުމަށް ފަހު ރަހުމު ކުޑަގޮތަކަށް މަރައިލައިފައި ހުޅުމާލޭ މޫދަށް އެއްލާލައިފައި އޮތް 13 އަހަރުގެ ފިރިހެން ކުއްޖެއްގެ މަރާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލޭގައި ހިނގާ މި ފަދަ މާރާމާރީތައް ހުއްޓުވައި، މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދެއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، މާލޭ ސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށް ކުރަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކެއް ހޯދައި، އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވާ ކަމަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ކުޑަކުއްޖާ ރަހީނުކުރުމަށް ފަހު ރަހުމުކުޑަ ގޮތަކަށް މަރައިލައިފައި މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވެގެންދާއިރު މިހާތަނަށް އެ މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، ޚަބަރުތަކުން އެނގޭ ގޮތުގައި މިކަމުގައި ޝާމިލްވާ އެހެން މީހުންތައް ހައްޔަރުކޮށްފައި ނުވާތީ މި ކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވާ ލަސްވުމަކީ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވަ އެވެ. މިކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ކުއްޖާ ހޯދަމުން ދިޔަތާ ދެވަނަ ދުވަހު އެވެ.
މިމައްސަލާގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިވަނީ ހެންވޭރުގައި ހުންނަ އެކްސްޓަރާ ހޭވަން ގެސްޓް ހައުސިން އިންނެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާއާ ގުޅގެން އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ މުއައްސަސާއަށް ހިއްސާކޮށްދިނުން އެދޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.