ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީގެ ރިޕޯޓް އަންނަ ހަފްތާއަށް ނިމޭނެ ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އިންކުއަރީގެ ރިޕޯޓު މިއަދަށް ނިންމަން ކުރިން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ކޮމިޓީގެ މެންބަރުންނަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެއިން ފެށިގެން ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އަންނަ ހަފްތާ ނިންމައިލުމަށްފަހު އާންމުކުރާނެ ކަމުގެ ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވާފަ އެވެ.

"މި އިންކުއަރީ ނިމިގެންދާއިރު ކޮމެޓީއިން ސާފުކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ކޮމެޓީއިން ސާފުނުކޮށް ދޫކޮށްނުލާނެ ކަމުގައި ދަންނަވަން. މިކަމާ ގުޅިގެން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ރިޕޯޓަކަށް ވާނެކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ރިޕޯޓު އޮންނާނެ ގޮތުގެ އޮނިގަނޑު ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ ބެލުމަށް ކޮމިޓީގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، އިންކުއަރީއަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށެވެ. އެކަމަކު އިންކުއަރީ އަށް ބޭނުންވާ މިންވަރަށް މައުލޫމާތު ލިބުނު ކަމަށް ދަންނަވަން އަދި ދަތި ކަމަށާއި ނަމަވެސް ހުރިހާ އިދާރާއަކުން ވެސް ވަރަށް ފުރިހަމައަށް އެއްބާރުލުން ދިން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތެއް ލިބިއްޖެނަމަ އެ އިދާރާތަކާ އެ މައުލޫމާތުތައް ހިއްސާކުރުމާ މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އަސްލަމް ނުދެއްވަ އެވެ.

އިންކުއަރީއަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެއްވެސް ފަރާތަކުން ނަޝީދަށް ސެކިއުރިޓީ ދިނުމުގައި އިހުމާލުވެފައިވާނަމަ އެކަން ހާމަވެގެން ދާނީ އާންމުކުރާ ރިޕޯޓުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އިންކުއަރީ އަށް ލިބޭ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އާންމު ނުކުރެވޭނެ ކަންކަން ހުނާނެ ކަމަށާއި މިސާލަކަށް ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާނަމަ އެކަންކަން ރިޕޯޓުގައި ނުހިމެނޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ފުރަތަމަ ލިޔާ ރިޕޯޓުގައި ހުރިހާ ކަމެއް ލިޔާނެ. އާންމުކުރާ ރިޕޯޓުގައި ނުހިމެނޭނެ ކަންތައްތަކެއް ހުރިނަމަ އެކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުން މަޖިލީހުގެ ރައީސާއި އަދި އުއްތަމަފަނޑިޔާރާ އަޅުގަނޑުމެން އެކަންކަން ހިއްސާކުރުމަށް ވާހަކަދެކެވެނީ އަދި އެކަމަށް ގޮތެއް ނުނިމޭ،" އަސްލަމް ވިދާޅުވި އެވެ.

މިހާތަނަށް 241 ކޮމިޓީން ހިންގާ އިންކުއަރީގައި ސިފައިންގެ 32 އޮފިސަރުންނާއި ފުލުހުންގެ ފަސް ބޭފުޅަކާ ވަނީ ސުވާލުކޮށްފަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނޭހެން ޖުމްލަ 49 ބޭފުޅަކާ މިހާރު ވަނީ ސުވާލުކޮށްފަ އެވެ.