ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 647 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދަން ފެށި 402 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށަން ނިންމައިފި އެވެ.
އެޗްޑީސީން ހުޅުމާލޭގައި 2017 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ މަސައްކަތް މެދުކަނޑާލީ، 2018 ވަނަ އަހަރު ވެރިކަން ބަދަލުވުމުން އަމިންއަށް ދޭން ޖެހޭ ފައިސާ ނުދީގެންނެވެ.
އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އަމިން ކޮންސްޓްރަކްޝަނާއި އެޗްޑީސީއާ ދެމެދު ސޮއިކުރީ ޖެނުއަރީ 19، 2017ގަ އެވެ.
ނަމަވެސް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓް އެޗްޑީސީން ފެށީ ސަރުކާރުގެ ސަޕޯޓާއެކު ބީއެމްއެލް އިން ދޫކުރާ ކޮންސްޓްރަކްޝަން ލޯނު ހަމަޖެހި، ލޯނުގެ ޓާމް ޝީޓް އެޗްޑީސީއަށް ހުށަހެޅުމުން، ލޯނު ލިބޭނެ ކަމަށް އެ ކުންފުންޏަށް ޝައްކެތް ނެތް މިންވަރަށް ޔަގީންވުމުންނެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ވިއްކާ އެޕާޓްތަކުގެ ތެރެއިން ޕެންޝަން ފަންޑުން 100 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ފައިސާ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ވެސް އެ އޮފީހުން ވެސް އެޗްޑީސީއަށް ދީފައިވެ އެވެ.
އޭގެ އިތުރުން އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަކުރި ފްލެޓްތަކަށް ބޭނުންވާ ޑައުންޕޭމަންޓް ފައިސާ އެޗްޑީސީގެ ކޯޕަރޭޓް ގެރެންޓީދީގެން މުވައްޒަފުންނަށް އެސްބީއައި މެދުވެރިކޮށް ހަމަޖެއްސުމަށް މަޝްވަރާކޮށް ނިންމާފައިވެ އެވެ. އެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ޕްރޮޖެކްޓް މަޑުޖައްސީ ކުންފުނީގެ ކެޝްފްލޯ ހަމަޖެހިފައި ނެތް ކަމަށް ބުނެ ކުންފުނީގެ އާ މެނޭޖްމަންޓުންނެވެ.
އެ މަސައްކަތް މެދުކަނޑާލިއިރު ބައެއް ބިލްޑިންގްތަކުގެ ހަބުރީގެ ޝީޓް އަޅާފައިވެ އެވެ.
އަމިން އިން އިމާރާތް ކުރާ ހައުސިން ޔުނިޓްތައް
- 402 ހައުސިން ޔުނިޓް އިމާރާތް ކުރާނެ
- 14 ބުރީގެ ތިން އިމާރާތް ހަދަން ޖެހޭ
- ހައުސިން ޔުނިޓްތައް 26 މަހުގެ ތެރޭގައި ނިންމަން ޖެހޭނެ
- ޕްރޮޖެކްޓުގެ އަގަކީ 647 މިލިއަން ރުފިޔާ
- ހައުސިން ޔުނިޓްތައް ދޭނެ އުސޫލާއި އަގުތައް 4-5 މަސްތެރޭ ހާމަކުރާނެ ކަމަށް އެޗްޑީސީން އޭރު ބުނި
- މި ހައުސިން ޔުނިޓްތަކުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ހަމައަށް ކޮޓަރިތައް ހުންނާނެ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ "ހިޔާވަހި" ޕްރޮޖެކްޓް އަލުން ކުރިޔަށް ގެންދަން އަމިން ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރޮޖެކްޓް ހުއްޓިފައި އޮތުމުން އައިޑަލް ޗާޖަސްގެ ގޮތުގައި ދޭން ނިންމި އަދަދެއް ސުހައިލް ވިދާޅެއް ނުވެ އެވެ. ނަމަވެސް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އައިޑަލް ޗާޖަސްގެ ގޮތުގައި އަމިން އިން ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި އެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި އޮންނާނީ އެތަނުގެ ބައެއް އެޕާޓްމަންޓްތައް ވެސް އަމިންއަށް ވިއްކޭ ގޮތަށް. އެތަނުގެ މަސައްކަތް އެ ކުންފުނިން ފަށަން އަންނަނީ ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.
"ހިޔާވަހި" ޕްރޮޖެކްޓްގެ ދަށުން ހަދާ 402 ހައުސިން ޔުނިޓްގެ ތެރެއިން އަމިންއަށް ވިއްކަން ދިނީ ކިތައް އެޕާޓްމަންޓް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
ހުޅުމާލޭގައި "އަމިން އެވެނިއު"ގެ ނަމުގައި ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިންގި ކުންފުނީގެ ވެރިޔާ އަބްދުﷲ މުހައްމަދު "ހުރިހާ"އަށް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނުފެށި ލަސްވަނީ މަސައްކަތަށް ބޭނުންވާ މީހުން އިންޑިއާއިން ނުގެނެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި އެޗްޑީސީއާއެކު އެއްބަސްވުމަށް އައިސް މިހާރު ޕްރޮޖެކްޓް ފަށަން ތައްޔާރުވަމުން މިދަނީ. އެތަނުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއްވުމުން ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވި،" އަބްދުﷲ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ އައިޑަލް ޗާޖެއް އަދި އެ ކުންފުނިން ވިއްކަން އެޗްޑީސީން އެއްބަސްވި ހައުސިން ޔުނިޓްތަކުގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހިޔާވަހި ޕްރޮޖެކްޓް ހިންގަން ހަމަޖެއްސީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް އިމާރާތްކުރި "ރެއިން ކްރެސްޓް" އާ ޖެހިގެން އުތުރަށް އޮންނަ ސީ2- 1 އާއި ސީ2-2 އަދި ސީ2- 3 ގަ އެވެ. އެ ތިން ތަނުގެ ތެރެއިން ސީ2-1 އަކީ 25،467 އަކަފުޓޫގެ ބިމެކެވެ. އަދި ދެން އޮތީ 27،534 އަކަފޫޓުގެ ބިމަކާއި 27،285 އަަކަފޫޓުގެ ބިމެކެވެ. މީގެ ކޮންމެ ބިމެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 14 ބުރި ނުވަތަ 45 މީޓަރެވެ.
އެޗްޑީސީން ތިން ބިމެއްގައި 14 ބުރީގެ އިމާރާތްތަކެއް ހަދަން ދިންއިރު، އަމިން އިން ވަނީ ފުރަތަމަ ފިޔަވަހީގައި 14 ބުރީގެ ތިން ޓަވަރެއް ހަދައި އާއްމުންނަށް ވިއްކައިފަ އެވެ.
މިރާއްޖޭގައި އިމާރާތް ކުރުމުގެ މަސައްކަތް މިކުރަނީ މީދާ ވާލުގެ ކައިފަ އޮން އޮބުން ފެންބޯ ބީދައިންބާ ، އެއްކުންފުނި އަނެއް ކުންފުންޏަށް ދީގެން !