ހުޅުމާލެ ދެވަނަ ފިޔަވަހީ ފަޅުތެރޭގައި މަރާލާފައިވާ އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހަވީރު ބޭއްވި ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އެވެ. އެއީ، މަރާލި ކުއްޖާ އަކީ ޖެންޑާގެ އެހީތެރިކަން ދެމުން އައި ކުއްޖެއް ކަމަށް ބުނާތީ ކުއްޖާއާ މެދު އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށެވެ.

ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މޫދުގައި މަރާލާފައި އޮއްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެތަނުން 27 އަހަރުގެ ޒުވާނާ މައްސަލަ ތަހުގީގުކޮށް ނިންމެންދެން ވަނީ ބަންދަށް ޖަހާފަ އެވެ. އަދި 17 އަހަރުގެ ކުއްޖާ ބަންދަށް ޖަހާފައިވަނީ 15 ދުވަހަށެވެ.