ކައިވެންޏަށް ދައުވަތު ދިން މެހެމާނުން ގެންނަ އާއްމު ހަދިޔާތަކުގެ ބަދަލުގައި ދެމަފިރިންގެ އައިވީއެފް ބޭސްފަރުވާއަށް މާލީ އެހީ ދިނުމަށް އެ މީހުންގެ ކިބައިން އެދުނު ދެމަފިރިއަކަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

އުމުރުން 42 އަހަރުގެ މާކް އާއި 40 އަހަރުގެ ނިއްކީއަށް ބޭސްފަރުވާ އާއި ނުލާ ދަރިން ނުލިބޭނެކަން އެނގުން ވީ އެ ދެ މީހުންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ.

ނިއްކީ ބުނީ އެ މީހުންގެ ހަޔާތުގައި އެހެން ހުރިހާ ކަމެއް ލިބިފައިވީ ނަމަވެސް ދަރިއެއް ނުލިބޭތީ ދިރިއުޅުން އެއްކޮށް ފުރިހަމަނުވާ ކަމަށެވެ.

އެހެންކަމުން ރަހްމަތްތެރިޔަކު ދިން ޚިޔާލަކަށް އެ ދެ މީހުންގެ ކައިވެނީގެ ކާޑުގައި ޅެމެއްގެ ގޮތުގައި މާލީ އެހީއަށް އެދެން ގަސްދުކުރި އެވެ.

މާކް އާއި ނިއްކީގެ ކައިވެނި ކާޑު

އެއާއެކު ކައިވެނީގެ ހަފްލާއަށް އައި މެހެމާނުންގެ ފަރާތުން އެ ދެ މީހުންނަށް 6،000 ޕައުންޑް ލިބުނެވެ.

އެ ފައިސާގެ އެހީގައި ކުރި ބޭސްފަރުވާއިން އެ ދެ މަފިރިންނަށް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފަ އެވެ. ފްރެޑީ އަދި އޮލީއަށް މިހާރު ފަސް އަހަރު ވެފައިވާއިރު ދެ ކުދިންގެ ވެސް ސިއްހަތު ރަނގަޅު ކަމަށް ނިއްކީ ބުންޏެވެ.

2013 ވަނަ އަހަރު ކައިވެނިކުރި މާކް އާއި ނިއްކީ ވަނީ ދަރިން ލިބުމުގެ އުފަލުގައި އެ މީހުންގެ ކައިވެނީގެ މެހެމާނުންނަށް ޝުކުރުއަދާ ކޮށްފަ އެވެ.