ލަންޑަން (25 ޖޫން) - ކޮވިޑް -19އާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކާ ޚިލާފުވިކަން ފަޅާ އެރުމުން އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރަރީ މެޓް ހެންކޮކް މަގާމުން އިސްތިއުފާ ދީފި އެވެ.

މެޓް ކޮވިޑް ފިޔަވަޅުތަކާ ޚިލާފުވިކަން ފަޅާއެރީ އޭނާގެ އޮފީހުގައި އެ އޮފީހުގެ މުވައްޒަފަކާއެކު ގައިގޯޅިވެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިނގިރޭސިވިލާތުގެ ސަން ނޫހުގައި ޝާއިއު ކުރުމުންނެވެ.

ކައިވެނިކޮށްގެން އުޅޭ މެޓްގެ މި އަމަލާއެކު އޭނާގެ އޮފީހުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުންގެ ނުރުހުންތެރިކަމާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިކަންކަމާ ގުޅިގެން މެޓް ވަނީ އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އިސްތިއުފާގެ ސިޓީ ފޮނުވައި މަގާމުން އިސްތިއުފާދީފަ އެވެ.

މެޓްއަކީ އިނގިރޭސިވިލާތުގެ ކޮވިޑްގެ ސިޔާސަތު ތަންފީޒުކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ބޭފުޅެކެވެ.

އޭނާއަކީ ގަވާއިދުން ކޮވިޑް -19 އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ނޫސްވަރިންނަށް އެންމެ ފަހުގެ މައުލޫމާތުތައް ދެއްވަމުން ގެންދެވި ބޭފުޅެކެވެ.

މެޓްގެ އިސްތިއުފާއާއެކު ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެކަމާ ހިތާމަ ފާޅުކުރައްވާފަ އެވެ. އަދި ބޮރިސް ވަނީ މެޓްގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. --އަލް އަރަބިއްޔާ