ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެ އެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގުކުރަމުންނެވެ.