އިނގިރޭސިވިލާތަށް ނިސްބަތްވާ 28 އަހަރުގެ މެލީސާ އާއި އޭނާގެ އެއްމާބަނޑު ދައްތަ ޖޯޖިއާ އެމީހުންގެ އެކުވެރިންނާ އެކު އެ ދުވަހު ވެސް ނުކުތީ އާދައިގެ މަތިން އާކަމެއް ތަޖުރިބާ ކޮށްލުމަށް މެކްސިކޯގެ ކޯރެއްގައި ބޯޓު ދުއްވުމަށެވެ.

ޓްރެވަލް ގައިޑެއްގެ އިރުޝާދާއެކު މެލީސާއާއި އޭނާގެ ގްރޫޕްގެ ބައެއް މެމްބަރުން ފަތާލަން ކޯރަށް ފޭބީ މަޖާކޮށް އުފާ ކޮށްލުމަށެވެ. އެ މީހުންނަށް ނޭނގި އޮތްކަމަކީ އެކޯރަކީ ކިނބޫ ގިނަ އަދި ކިނބުލުގެ ހަމަލާތައް މީހުންނަށް އާއްމުކޮށް އަމާޒުވާ ހިސާބެއް ކަމެވެ.

އެކުވެރިން މަޖަލާއި ސަކަރާތުގައި ތިއްބާ ފެނުން ބޯ ހިއްލާލި ކިނބޫ އެންމެ ފުރަތަމަ ފެނުނީ މެލީސާ އަށެވެ. މެލީސާގެ ހަޅޭކާއެކު ހުރިހާ އެކުވެރިން ވެސް އަނބުރާ އެއްގަމަށް އަރަން ފަތައިގަތެވެ.

ނަމަވެސް ކިނބޫ އޭގެ އެންމެ ހަލުވި ދުވެލީގައި އައިސް ހިފީ އައްސޭރިއަށް އަރަން މަސައްކަތް ކުރަމުން ދިޔަ މެލީސާގެ ވާތު އަތުގަ އެވެ. އިސާހިތަކު އޭނާގެ އަތް ޒަޚަމްވެ، ލޭތައް ކޯރަށް ފައިބަން ފެށި އެވެ.

އެވަގުތު މެލީސާއަށް އެހީވާން އިސްނެގީ އޭނާގެ އެއްމާބަނޑު ދައްތަ ޖޯޖިއާ އެވެ. ޖޯޖިއާގެ ފައިން ކިނބުލުގެ މޫނުމަތީގައި އެތައް ފަހަރަކު ޖެހުމުގެ ސަބަބުން ކިނބޫ އަނގައަށް ލައިގެން އޮތް އޭނާގެ ކޮއްކޮގެ އަތް އޭތި ދޫކޮށްލި އެވެ.

ހަމަލާއަށް ފަހު މެލީސާ ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

ޒަހަމްވެ މަރާއި ހަނގުރާމަކުރަމުން ދިޔަ މެލީސާ ކޯރުގެ އައްސޭރިއަށް ގެނެވުނީ 35 މިނެޓުގެ ދަތުރަކަށް ފަހުގަ އެވެ. މި ދަތުރުގައި އޭނާގެ ކޮއްކޮއަށް ހިތްވަރު ދޭން ޖޯޖިއާ ވަނީ "ސްޓޭންޑް ބައި މީ" މި ލަވަ ކިޔާފަ އެވެ. މާނައަކީ "އަހަންނާއެކު ވާށޭ" އެވެ.

އެއްގަމުގައި އޮތް އެމްބިއުލާންސަށް މެލީސާ އެރުވެންދެން އޭނާއަށް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއްކަމަށް ޖޯޖިއާ ބުންޏެވެ.

"އަހަރަން ހުރީ ބިރުން މެލީއަށް ކަމެއް ވެދާނެތީ. އޭނާ އާ ނުލާ އަހަންނަކަށް ދިރިއެއް ނޫޅެވޭނެ،" ހާދިސާއަށް ފަހު މެކްސިކޯގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޯޖިއާ ބުންޏެވެ.

ހާދިސާއަށްފަހު މެލީސާގެ ފުރާނައަށް ނުރައްކާވާ ފަދަ ދިގު އޮޕްރޭޝަނެއްކުރަން ޖެހުނުއިރު، ޖެހިގެން އައި ހަތަރު ދުވަހު އޭނާ އޮތީ ކޯމާއެއްގަ އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ 12 ދުވަހަށް ފަހު އެވެ.

އެ ތަޖުރިބާއަށްފަހު މެލީސާ ވަނީ އޭނާގެ ދައްތައަށް ޝުކުރު އަދާކޮށް ދިރިއުޅުމުގެ ދެވަނަ ފުރުސަތެއް ލިބުނީތީ އުފާކުރާ ކަމަށް ބުނެފަ އެވެ.