އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސާފުކޮށްދޭން އެދުނު ކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން ދައުވާކޮށް ދިނުމަށް އެދި އެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީއގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު މަހްލޫފުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިނިސްޓަރު މަހްލޫފުގެ މައްޗަށް ދެ ފަހަރަކު ދައުވާ ކުރުމަށް އޭސީސީއިން ޕީޖީ އޮފީހަށް ވަނީ ފޮނުއްވާފަ އެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން އެމައްސަލަ އަލުން ދިރާސާކުރުމަށް އޭސީސީއަށް ވަނީ ފޮނުވައިފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ.

މަހުލޫފުގެ މައްސަލަ ބަލަމުންދާއިރު، އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން، އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހެއްކެއް ނުހުންނާނެ ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.