މޮސްކޯ (29 ޖޫން) - ރަޝިއާއިން އުފެއްދިި ސްޕުޓްނިކް ވެކްސިންއަކީ ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އިންޑިއާ ވޭރިއަންޓާ ދެކޮޅަށް 90 ޕަސެންޓް ރައްކާތެރި ވެކްސިނެއް ކަމަށް އެ ވެކްސިން އުފެއްދި ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އެކްސްޕޯޓްކުރަން ފަށާފައިވާ ސްޕުޓްނިކް ވެކްސިނަކީ ކޮވިޑްގެ އަސްލު ވޭރިއަންޓާ ދެކޮޅަށް 92 ޕަސެންޓް ރައްކާތެރި ވެކްސިނެއް ކަމަށް މީގެ ކުރިން ހެދި ދިރާސާތަކުން ދައްކާފައިވެ އެވެ.

މި ވެކްސިން ރާއްޖެއަށް ވެސް ގެންނަން ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.

މޮސްކޯގެ ގަމަލެޔާ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޑރ. ޑެނިސް ލޮގްނޯވް ވިދާޅުވީ އިންޑިއާ ވޭރިއަންޓީ ދެކޮޅަށް އެ ކުންފުނީގެ ސްޕުޓްނިކް ވެކްސިންގެ ރައްކާތެރިކަން އަޅާކިޔާފައި ވަނީ ޑިޖިޓަލް މެޑިސިން އަދި ވެކްސިން ރެކޯޑްތަކަށް ބެލުމަށް ފަހު ކަމަށެވެ.

ރަޝިއާގެ ސިއްހީ އިދާރާތަކުން ވަނީ އެ ގައުމަށް އެންމެ ފަހުން ކުރިމަތިވި ކޮވިޑްގެ ރާޅަކީ އިންޑިއާ ވޭރިއަންޓްގެ ސަބަބުން ކުރިމަތިވި ރާޅެއް ކަމަށް ބުނެފަ އެވެ.

އާބާދީގައި 144 މިލިއަން މީހުން ދިރިއުޅޭ ރަޝިއާގައި އެ ގައުމުގެ އަމިއްލަ ހަތަރު ވެކްސިނެއް ބޭނުންކުރަން އެ ގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ހުއްދަ ދީފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް