އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލަށް އަންގައިފި އެވެ.

އޭސީސީން ނިމާލަށް ފޮނުވި ޗިޓްގައިވާގޮތުން އޭނާ ހާޒިރު ކުރަނީ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ބިރުދައްކައިގެން އެ ޕާޓީން ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ގޮތުން ކުރާ ކަމެކެވެ.

ނިމާލަށް މީގެކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނަސް އޭނާގެ މައްސަލައެއް މި ސަރުކާރުން ބަލަން ފަށާފައި މިވަނީ ކ. އަރޮޅު ކައުންސިލްގެ ރައީސް ކަމާއި އެލްޖީއޭގެ މެމްބަރުކަން ކާމިޔާބު ކުރެއްވި ފަހުންނެވެ.

ނިމާލްގެ މައްސަލައެއް އޭސީސީން ބަލަން ނިންމާފައިވާއިރު، ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ރައީސުންގެ ތެރެއިން ހޮވިފައިވަނީ ނިމާލެވެ. އޭނާއަށް އެ މަގާމަށް ހޮވިފައިވަނީ ވަގުތު ހަމަވިއިރު އޭނާ އެކަނި ކުރިމަތިލާފައިވާތީއެވެ.