އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް" ނަމުގައި ހިންގަމުން އަންނަ ކެމްޕެއިނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބަޔަކު ހިންގާ ކެމްޕެއިނެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބަޔަކު މި ކެމްޕެއިން ހިންގުމުގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތާއި އިންޑިއާ ދައުލަތާ ދެމެދު ގުޅުން ބޭއްވުމަށް ދިވެހިން އެދޭ ކަމީ އެމަނިކުފާނުގެ ހިތްޕުޅޫގައި ކުޑަކޮށް ވެސް ޝައްކު ހިނގާ ކަމެއް ނޫނެވެ.
އެކަމަކު، އިންޑިއާއާ ދެކޮޅަށް ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބަޔަކު މަސައްކަތް ކުރާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
"އޭގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން. އެއީ އެމީހުންގެ ކެމްޕެއިންގެ ފުރަތަމަ މަރުހަލާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ވެސް ވިދާޅުވީ އައިއެސް އާއި އަލްގައިދާގެ އަމާޒަކީ ރާއްޖެ ހިފުން ކަމަށެވެ. އަދި އެކަމުގައި ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ގޮވާލައި "އިންޑިއާ އައުޓް" ހޭޝްޓެގާ އެކު މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންދެއެވެ. އެ ކެމްޕޭންގައި ވެސް އިސްކޮށް އުޅޭ މަންޒަރު ފެންނަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.