އާމްދަނީ ޓެކްސް ނޫނީ އިންކަމް ޓެކްސްގެ ގާނޫނަށްހާއްސަ އިސްތިސްނާއެއްގެ ގޮތުގައި ޓެކްސް މާފްކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާއެއް އިތުރުކުރަން ހުށަހެޅީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ފުރުސަދު ދޭން ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ، އެ ގާނޫނުގެ (12) ވަނަ މާއްދާގައި ބުނާ އިސްތިސްނާތަކުގެ އިތުރުން ހާއްސަ އިސްތިސްނާއެއް ދިނުމުގެ ބާރު ރައީސަށް ދިނުމަށެވެ. އެ ބާރު ރައީސަށް ދިނުމަށް ޓަކައި (12) ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރަން ބިލުގައި އެބައޮތެވެ.
އެގޮތުން އިތުރު ކުރާ އަކުރުގައި އޮތީ "މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، މިމާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީ ޓެކްސް ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެން ވެ އެވެ،" މިހެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެގޮތަށް އިސްތިސްނާ ދިނުމަކީ އެމްޑީޕީން ކުރިން ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުން ފާސްކުރި އެސްއީޒެޑް ގާނޫނުގައި ޓެކްސް އިސްތިސްނާއެއް އޮތުމުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އޭރު ފާޑުވިދާޅުވި ކަމަށެވެ.
އަދި، އެ ބަދަލު މިހާރު ގެންނަން ސަރުކާރުން މަސައްކަތް ކުރަނީ ވިސްނުމަށް ކޮން ބަދަލެއް އައިސްގެންތޯ ސައީދު ސުވާލު ކުރެއްވި އެވެ. ސައީދުގެ އެ ސުވާލަށް އަމީރު ވަނީ ޖަވާބު ދެއްވައިފަ އެވެ.
އެގޮތުން އަމީރު ވިދާޅުވީ، ވިސްނުމަކަށް ބަދަލެއް އައީ ނޫން ކަމަށާއި ޓެކްސްގެ އިސްތިސްނާ ދޭނީ ވަރަށް ހާމަކަން ބޮޑުކޮށް ކަމަށެވެ. އަދި އެ ގޮތުން ދޭ އިސްތިސްނާ ގެޒެޓް ކޮށް، މަޝްރޫއު ހިންގާ ކުންފުންޏަކުން އަމަލުކުރާ ގޮތުން އިސްތިސްނާ ބާތިލު ވެސް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާާނޫނަށް ބަދަލު ގެނައުމުގެ ބޭނުމަކީ، ރާއްޖޭގައި ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ޓެކްސް އިސްތިސްނާ ދިނުން ނޫން ކަމަށެވެ.