ފާއިތުވި އަހަރަކަށް ވުރެ ގިނަ ދުވަސް އަހަރެމެން ހޭދަ ކުރީ މީގެ ކުރިން އުޅެން ޖެހިފައި ނުވާ ފަދަ ގޮތަކަށެވެ.

ދުނިޔެއަށް ބޮޑު ބަލިމަޑު ކަމެއް ފެތުރި، ދިރިއުޅުމަށް ބަދަލުތައް އައީ ހަމަ ކުއްލި އަކަށެވެ. މިގޮތުން ވެސް އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އަހަރެމެންގެ މުނިފޫހިފިލުވުމުގެ ކަންކަމަށެވެ.

ލިބޭ ޗުއްޓީތަކުގައި ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ ކޮންމެ ވެސް ރަށަކަށް ނަމަވެސް ދިއުމަކީ އަހަރެމެން ދިވެހިންގެ އާދައެކެވެ. ޗުއްޓީތަކުގައި ކުރެވޭ ދަތުރުތަކުން ހޯދޭ ތަޖުރިބާތަކާއި ނަގާ ފޯރިއަކީ އަހަރެމެން އެކަމަށް އެންމެ ބޭނުންވާ އެއް ސަބަބެވެ.

ނަމަވެސް ކޮވިޑްގެ ޕެންޑަމިކްގެ ސަބަބުން ދިވެހިންގެ މިއާދައަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ. ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓި ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނެއްގައި ދުވަސްތައް ގުނަން މިވަނީ ޖެހިފަ އެވެ.

މިހެން ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހިފައިވުމާއެކު، ނަފްސާނީ ގޮތުން ވެސް މައްސަލަތަކެއް ގިނަ ބަޔަކަށް ކުރިމަތިވެފައިވާއިރު، އެކަމުގެ ހައްލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ ޗުއްޓީއެކެވެ. ތާޒާ ވަޔާއި ފެނަކީ ސިކުނޑިއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމުގައި ގިނަ ބަޔަކު އެއްބަސްވެ އެވެ.

މިހާރު ހާލަތަކީ ކިތަންމެ އަވަހަކަށް ދެ ރަހްމަތްތެރިން އެކުވިޔަސް އަވަހަށް ޗުއްޓީއެއް ރޭވުމުގެ ވާހަކަ ދެކެވުމެވެ. މި ހާލަތުން އަރައިގަނެވިއްޖެ ނަމަ އެންމެ ފުރަތަަމަ ކުރާނެ ކަމަކީ ޗުއްޓީއަކަށް ތަނަކަށް ދިއުން ކަމަށް ނުބުނާ މީހަކު މިއަދު އަހަރެމެންގެ ތެރޭގައި މަދެވެ.

ކޮންމެއަކަސް ހަގީގަތަކީ މިއަދު އަހަރެމެން ދިވެހިން ތިބީ ޗުއްޓީއަކަށް ކެތްމަދުވެފައި ކަމެވެ. ތާޒާ ވައިކޮޅަކަށް ދިރިއުޅޭ ހަތަރު ފާރުން ބޭރަށް ނުކުމެލާނެ ފުރުސަތަކަށް ފެން ބޮވައިގެންފައި ކަމެވެ.

އެހެން ނަމަވެސް ސަމާލުވާންވީ ކަމަކީ ކޮވިޑްގެ ހާލަތު އަދި ފިލައިގެން ނުދާ ކަމެވެ.

ސަރުކާރުން ލުއިތަކެއް ދީފައިވީ ނަމަވެސް އަހަރެމެންގެ ފަރުދީ ޒިންމާ އަދާނުކޮށްފި ނަމަ، ހާލަތު އަލުން ގޯސްވާން ލަހެއް ނުވާނެ ކަން މިއަދު އަހަރުމެން ދަންނަން ޖެހެ އެވެ.