ކެއިން ބުއިމުގައި ދިވެހި ރަހަތަކަށް ލޯބި ކުރަން ހެއްޔެވެ؟ ހުޅަނގުގެ ރެސިޕީތަކަށް ވުރެ ދިވެހި ކެއުންތައް ކަމުދޭ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ މިއީ ކަމުދާނެ ކެއުމެކެވެ. ދިވެހި ކަނބަލެއް ކަމަށްވާ ނާޒިމާ ސަމީރު މިފަހަރު މި ގެނެސްދިނީ ދިވެހި ރަހަތަކާއި ހުޅަނގުގެ ރެސިޕީތައް އެއްކޮށް ތައްޔާރު ކޮށްފައިވާ މީރު ކެއުމެކެވެ. އެއީ ނާޒިމާގެ ކަށިކެޔޮ ކޭކެވެ.

މ. މުއްޔަށް ނިސްބަތްވާ ނާޒިމާއަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ކަށިކޭލާއި އޭގެ ކެއުންތަކަށް ލޯބިކުރާ މީހެކެވެ. ރަށުގައި އުޅުނުއިރު ކަށިކެޔޮ ހޮވަން ވަލަށް ނުވަންނަ ދުވަހެއް މަދުވާނެ ކަމަށް ނާޒިމާ ބުންޏެވެ. ކަށިކޭލުގެ ކެއުމެއް ކާން ލިބޭ ދުވަހަކީ އޭރު އޭނާއަށް އެންމެ ކާ ހިތުން ކެވޭނެ ދުވަހެވެ.

ކަށިކޭލަކީ ކުޑައިރުވެސް ވަރަށް ކަމުދާ ކެއުމެއް ކަމަށް ނާޒިމާ ބުނޭ

"އޭރުވެސް ވަރަށް މީރު އެއްޗެއް ކަށިކެޔޮ އެއީ. ކަށިކެޔޮ ވަރެއް ނޯންނާނެ،" ނާޒިމާ ބުންޏެވެ.

ދުވަސްތައް ފާއިތުވެ ރަށުގައި ތައުލީމީ ހަޔާތް ނިންމުމަށްފަހު އޭނާ ދެން ބަދަލުވީ މާލެ އެވެ. މާލޭގައި ފެށޭ ތައުލީމު އަދި ސާނަވީ ތައުލީމު އުނގަންނައި ދިނުމުގައި ގިނަ ދުވަސް ތަކެއް ހޭދަ ކުރުމަށްފަހު ޓީޗިންގެ ދާއިރާއިން އޭނާ ދުރަށް ޖެހިލީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ދަރިފުޅާއި އާއިލާއަށް ޚިދުމަތް ކުރުމަށެވެ.

އެހެން ނަމަވެސް ނާޒިމާގެ ހިތުގައި ކަށިކޭލަށް އޮތް ލޯބި އޮތީ އެގޮތުގަ އެވެ. ރަށްފުށުގެ ދިިރިއުޅުމަކަށް ލޯބިކުރާ ނާޒިމާއަށް ކަށިކެޔޮ ވެފައިވީ އޭނާގެ ރަށުގެ ދިރިއުޅުން މަތިން ހަނދާން ކޮށްދޭ އެއްޗަކަށެވެ.

އޭގެ ނުވަ އަހަރު ފަހުން ކަށިކެޔޮ ކޭކުގެ ވިޔަފާރިއެއް ފެށުމުގެ އަސްލަކީ ވެސް ހަމަ އެއީ އެވެ. ހުޅަނގުގެ ކިތަންމެ އިންގްރީޑިއަންޓް އެއް ލިބެން ހުރި ކަމުގައި ވިޔަސް ނާޒިމާ ބޭނުންވީ ދިވެހި ވަންތަ ދިވެހި ރަހައެއް އުފެއްދުމަށެވެ.

ނާޒިމާ ކޭކު ތައްޔާރު ކުރުމުގައި

ނާޒިމާ ބުނި ގޮތުގައި އޭނާގެ ވިޔަފާރި ފެށުމުގެ ކުރިންވެސް ކަށިކެޔޮ ކޭކަކީ މާލޭގައި ލިބެން ހުރި އެއްޗެކެވެ. މީހުން މީރޭ ބުނާތީ އަޑުއިވޭ އެއްޗެކެވެ. ކަށިކޭލުގެ ބާވަތަކަށް ވީތީ އޭނާ އޭގެ ރަހަ ބެލި ނަމަވެސް، އެއީ އޭނާގެ ހިތް އަތުލި އެއްޗަކަށް ނުވި އެވެ. ކަށިކޭލަކީ އެއަށް ވުރެ މީރުކޮށް ހެދޭނެ އެއްޗެއް ކަމަށް އޭނާ ގަބޫލު ކުރި އެވެ.

"ދެތިން ތަނަކުން ރަހަ ބަލާލިއިރު އެހާ ކަމުދިޔަ ކަމަކަށް ނުވި. ކަށިކޭލުން ދޭންވާ މީރު ރަހައެއް ނުދޭ،" ނާޒިމާ ބުންޏެވެ.

އެހެން ކަމުން ރަހްމަތްތެރިންގެ ޚިޔާލަކަށް ނާޒިމާ އެ މަސައްކަތް ފެށި އެވެ. ލިބެން ހުރި ރެސިޕީތަކާއި އަމިއްލަ ޚިޔާލުތައް އެއްކޮށް ހެދި ނާޒިމާ ސްޕެޝަލް ކަށިކެޔޮ ކޭކަކީ ގިނަ ބަޔަކަށް ކަމުދިޔަ އެއްޗަކަށް އިސާހިތަކު ވެއްޖެ އެވެ.

ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ ފަރާތުން ލިބެމުން ދިޔަ އޯޑަރު ތަކުގެ އިތުރުން ނާޒީސް ކަށިކެޔޮ ކޭކްސްގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖު މެދުވެރިކޮށް ލިބޭ އޯޑަރުތައް ވެސް ގިނަ ވާން ފެށި އެވެ.

ނާޒިމާ ތައްޔާރު ކުރާ ކަށިކެޔޮ ކޭކްތަކެއް ވިއްކަން ތައްޔާރު ކޮށްފައި

އޯޑަރަށް ކަށިކެޔޮ ކޭކް އަޅަމުންދާ ނާޒިމާގެ ވިޔަފާރި އަދި އިތުރަށް ފުޅާކުރުމުގެ ޚިޔާލެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ބައެއް ރެސްޓޯރެންޓްތަކުން އެ ފުރުސަތު ލިބުނު ނަމަވެސް ނާޒިމާ ހުރީ އޭނާގެ ވިޔަފާރީގެ ދުވެއްޔާ މެދު ހިތްހަމަ ޖެހިގެންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ގިނަ ތަންތަނަށް ކޭކް އަޅައިދިނުމަށް ވުރެ މުހިއްމީ މިހާރު ކުރާ ގޮތަށް އެވިޔަފާރި ކޮށްގެން ކޭކުތަކުގެ ކޮލިޓީ ހިފެހެއްޓުމެވެ.

"މިހާރު މިކުރާ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލިބޭ. ކޭކުގެ ކޮލިޓީ ވެސް ހިފެހެއްޓޭނީ މިގޮތަށް ހެން އަޅުގަނޑަށް ހީވަނީ،" ނާޒިމާ ބުންޏެވެ.

މި ވިޔަފާރީގައި ކުރިމަތިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ކަށިކެޔޮ ލިބުން ދަތިވުން ކަމަށް ނާޒިމާ ބުންޏެވެ. މާލޭގެ ބާޒާރުން ކަށިކޭލުގެ އަގު އިންތިހާއަށް ބޮޑުއިރު އުފަން ރަށުންނާއި އެހެން ރަށްރަށުން ވެސް ޑިމާންޑާ އެއްވަރަށް ކަށިކެޔޮ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ނާޒިމާ ފާހަގަ ކުރި އެވެ.

"ށ. އަތޮޅުންނާއި އަމިއްލަ ރަށުން ވެސް ކަށިކެޔޮ ފޮނުވާ. އެކަމަކު ބައެއް ފަހަރު އޮންނަނީ ނުލިބިފައި،" އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ހުރީ މިކަމުގައި ފަސްޖެހޭ ގޮތަކަށް ނޫނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކަށިކެޔޮ ކޭކްގެ ފުރިހަމަ ރަހަ ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ނާޒިމާ ބުންޏެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ ނާޒިމާއަށް ގުޅައިގެން ނުވަތަ އޭނާގެ ޕޭޖު މެދުވެރިކޮށް އޯޑަރު ކޮށްލުމެވެ.

ނާޒިމާ އަންނަނީ އޯޑަރަށް ކަށިކެޔޮ ކޭކް އަޅައިދެމުުުން

މިކަމުގައި އާއިލާއާއި ރަހްމަތްތެރިންގެ ފަރާތުން ލިބޭ ހިތްވަރު ނާޒިމާ ފާހަގަ ކުރީ ޝުކުރުވެރި ކަމާއެކު އެވެ. އެ ހިތްވަރާއި އެހީތެރިކަމާ ނުލާ މިހާ ހިސާބަށް އާދެވޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެހެެން ކަމުން ޝުކުރުގެ ލިސްޓުގައި ނާޒިމާ ހިމެނީ އޭނާގެ އާއިލާ އާއި ރަހްމަތްތެރިންނެވެ.

"ވަރަށް ފާހަގަ ކޮށްލަން އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަން. މި ކަމުގަ ކުރިއަށް ދާން ލިބޭ ހިތްވަރަކީ އެއީ،" ނާޒިމާ ބުންޏެވެ.

އޭނާ އަކީ ހަމައެކަނި ކޭކު އެޅުމާއި ކެއްކުމުގެ ދާއިރާގައި އަރާ ހުރި ކަނބެލެކޭ ދެންނެވޭކަށް ނެތެވެ. އެއީ ދަރިވަރުންގެ މެދުގައި މަގުބޫލް މުދައްރިސެކެވެ. ދިވެހި ނޫސްވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކޮށްދެއްވާ ކުޅަދާނަ ލިޔުންތެރި އެކެވެ. އެހެން ނަމަވެސް މިއަދު ކަށިކެޔޮ ކޭކް ވެފައި ވަނީ އޭގެ ނަމާއި ނާޒިމާގެ ނަން ވެސް ގުޅިފައިވާ ކެއުމަކަށެވެ.

ދިވެހި ރަހަތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައް މި މުޖުތަމައުގައި އުޅޭކަމީ އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމެކެވެ. އެއީ ދިވެހިންގެ އަމިއްލަ ވަންތަކަން ދިރުވައިދޭ ކަނބަލުންނެވެ. ނާޒިމާ ފަދަ އެތައް ދިވެހި ކަނބަލުންނެއް ދަނީ އެކަމުގައި ފައިތިލަ ސާބިތު ކުރަމުންނެވެ.

ނާޒިމާއާއި ނާޒިމާ ފަދަ ދިވެހި ކަނބަލުންނަށް އައްސަރިބަހާ ސާބަހެވެ. ތިޔަ ކުރާ ހިތްވަރު ފާހަގަ ކުރަމެވެ. އެދެނީ އުޖާލާ މުސްތަގްބަލަކަށެވެ. އިތުރު ބާއްޖަވެރި ކަމާއި ކާމިޔާބަށެވެ.