ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ޢައްބާސް ފާއިޒު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

ފާއިޒަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވެފައި ވަނީ ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

މި ޒިޔާރަތަކީ މޭ މަހުގެ 19 ވަނަ ދުވަހު ރައީސްގެ ފަރާތްޕުޅުން ތަހުގީގުގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް އައްބާސް އައްޔަންކުރެއްވިފަހުން އައްބާސް ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަނޑައަޅުއްވާ އިމެއްގެ ތެރެއިން ހަމަލާގެ ތަހުގީގުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ފާއިޒަށް ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ. އަދި އެ މައްސަލާގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފައާއި އިރުޝާދު ޢައްބާސް ފޯރުކޮށްދެއްވާނެ ކަމަށްވެ އެވެ.

މޭ މަހުގެ ހަވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް ފާރަވެރިވެވަޑައިގެން އެ ތަހުގީގު ހިނގާ ގޮތް ބެއްލެވުމަށް ވަޑައިގެންނެވި ޢައްބާސް ފާއިޒް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގައި މަސައްކަތްކުރައްވައިފަ އެވެ. އަދި، ދެކުނު އޭޝިޔާގެ އިންސާނީ ހައްގުތަކުގެ ހާލަތު ދިރާސާކުރައްވައި އެ ދާއިރާގައި 30 އަހަރު މަސައްކަތްކުރެއްވި އިނގިރޭސި ރައްޔިތެކެވެ.

ތަހުގީގުގެ ކަންކަން ބެލުމަށް ރައީސް އައްޔަން ކޮށްފައިވާ އައްބާސް ރާއްޖެ އައިސްފައިވާއިރު މިމައްސަލާގައި ފުލުހުން ބެލުމުގެ ދަށުގައި އަށް މީހަކު އެބަ ތިއްބެވެ. އަދި އެތަނުން ހަތަރު މީހެއްގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.