ޓެރަރިޒަމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި މަފްތޫހް ސައީދު ސުޕްރީމް ކޯޓުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ހިންގި އެ އޮޕަރޭޝަންގައި މަފްތޫހުގެ އިތުރުން ނުވަ މީހަކު ހައްޔަރުކުރި އެވެ. މަފްތޫހު އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަފްތޫހުގެ ބަންދަށް 14 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

މަފްތޫހު އެންމެ ފުރަތަމަ ހައްޔަރު ކުރިއިރު އޭނާއަށް ކުރި ތުހުމަތަކީ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑޫ ސިޓީން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެ މީހުން ދަށު ކޯޓުން ދޫކޮށްލުމުން މަފްތޫހު ހިމެނޭހެން އަލުން އެމީހުން ހައްޔަރު ކުރުމަށް ހައި ކޯޓުން އަމުރުކުރި އެވެ. މަފްތޫހުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ބަންދު އަމުރު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އެހެން ހެއްކެއް ހުރިތޯ ބަލައި، އެ ހެކިތަކަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ހިތަދޫ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.